Last Updated: July 11, 11:17
Saturday, July 11, 2026
ޚަބަރު

ޝައިހް އާސިމްގެ ފަހު ދަރުސް މިރޭ

ސައުދީ އަރަބިއްޔާގެ ދީނީ އިލްމުވެރިޔާ ޝައިހް އާސިމް އަލް ހަކީމްގެ ރާއްޖެ ދަރުސް ޕްރޮގްރާމްގެ ފަހު ދަރުސް މިރޭ ބާއްވަން ތައްޔާރުވެއްޖެ އެވެ.

ރާއްޖޭގެ ފަސް ސިޓީ އަށް ހާއްސަކޮށްގެން ފެށި މި ދަރުސް ޕްރޮގްރާމްގެ ފަހު ދަރުސް މިރޭ އޮންނާނީ ތިނަދޫގަ އެވެ. އެ ދަރުހަށް ޝައިހް އާސިމް މިއަދު ވަނީ އެ ސިޓީ އަށް ވަޑައިގެންފަ އެވެ.

މިރޭގެ ދަރުހުގެ މައުޟޫ އަކީ 'ރެއިޒިން ދަ ނެކްސްޓް ޖެނެރޭޝަން އަޕޯން އިސްލާމް' އެވެ. މިރޭގެ ދަރުސް އޮންނާނީ ތިނަދޫ ސްކޫލްގެ ހޯލުގަ އެވެ. ދަރުސް ފަށާނީ 8:30 ގަ އެވެ. ދަރުސް ދާރިސް ޓީވީން ލައިވް ކުރާނެ އެވެ.

ޝައިހް އާސިމް މިއަދު ތިނަދު އަށް ވަޑައިގަތީ ރޭ ފުވައްމުލަކުގައި ދަރުސް ދެއްވުމަށް ފަހު އެވެ. އޭގެ ކުރީ ރޭ ދަރުސް ދެއްވީ އައްޑޫ ހިތަދޫގަ އެވެ. ޝައިހްގެ ފުރަތަމަ ދަރުސް މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ އޮތީ ކުޅުދުއްފުށީގަ އެވެ. ދެވަނަ ދަރުސް މާލޭގައި އޮތީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ މާލޭގަ އެވެ.

ޝައިހް އާސިމްގެ ރާއްޖެ ދަރުސް ޕްރޮގްރާމަކީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ދަ ޓްރެވެލާ އިން އިންތިޒާމުކުރި ޕްރޮގްރާމެކެވެ.