Last Updated: July 11, 13:48
Saturday, July 11, 2026
މުނިފޫހިފިލުވުން

'ކިންގް' ގެ ފޮޓޯތައް ދައުރު ނުކުރަން އެދިއްޖެ

މި އަހަރުގެ ފަހުކޮޅު ރިލީޒް ކުރަން ހަމަޖެހިފައިވާ ޝާހްރުކް ޚާންގެ ފިލްމު 'ކިންގް' ސެޓުން ނަގާފައިވާ ފޮޓޯތަކަކާއި ވީޑިއޯތަކެއް ލީކްވެ، ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާތީ އެކަން އެގޮތަށް ނުކުރަން ޑައިރެކްޓަރު ސިދާތު އާނަންދު އެދިއްޖެ އެވެ.

ލީކްވެފައިވާ ފޮޓޯތަކާއި ވީޑިއޯއެއްގައި ފެންނަނީ ޝާހްރުކާއި ބަތަލާ ދީޕިކާ ޕަދްކޯން މަންޒަރެއް ޝޫޓްކުރަން ސެޓްގައި ހަރަކާތްތެރިވާ ތަނެވެ. 'ކިންގް' ގެ ޝޫޓިން މިހާރު ކުރިއަށް ދަނީ ދެކުނު އެފްރިކާގެ ކޭޕް ޓައުންގަ އެވެ.

ސިދާތު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ހުރިހާ ފޭނުންގެ ކިބައިން އެދިފައި ވަނީ ލީކްވި އެެއްޗެހި ދައުރު ނުކުރުމަށެވެ. އޭނަގެ މި އެކްޝަން މި ތުރިލާ އަކީ ބޮލީވުޑްގެ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ. ބޮޑު ކާސްޓެއް ހިމެނޭ 'ކިންގް' ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ ޑިސެންބަރު 24 ގަ އެވެ.

މީގެ ކާސްޓްގައި ޝާހްރުކާއި ދީޕިކާގެ އިތުރުން ޝާހްރުކްގެ ދަރިފުޅު ސުހާނާ ޚާން، އަބީޝެކް ބައްޗަން، ރާނީ މުކަރްޖީ، އަރްޝަދު ވަރްސީ، ޖެކީ ޝްރޮފް، ރާގަވް ޖުޔަލް، އަބޭ ވަރުމާ، ސޯރަބް ޝުކްލާ، އަނިލް ކަޕޫރް، ޖައިދީޕް އަހުލުވާތު، އަކްޝޭ އޮބެރޯއީ، ކަރަންވީރް މަލްއުތުރާ އަދި ފަހީމް ފަޒްލީ ހިމެނެ އެވެ.

'ކިންގް' އަކީ ޝާހްރުކާ އެކު ސިދާތު ހަދާ ދެވަނަ ފިލްމެވެ. އެ ދެ މީހުންގެ ފުރަތަމަ ފިލްމަކީ 2023 ގެ 'ޕަތާން' އެވެ. އެ ފިލްމުގެ ވެސް ބަތަލާގެ ރޯލު ދީޕިކާ ކުޅުނު އިރު، ސިދާތުގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ ރިތިކް ރޯޝަންގެ 2024 ގެ 'ފައިޓާ' ގެ ބަތަލާ އަކީ ވެސް ދީޕިކާ އެވެ.

'ކިންގް' އަކީ ޝާހްރުކްގެ ރެޑް ޗިލީސް އެންޓަޓައިންމަންޓާއި ސިދާތުގެ މާފްލިކްސް ޕިކްޗާސް ގުޅިގެން ހަދާ ފިލްމެކެވެ.