ނިންމާފައި އޮތް ގޮތަށް އަންނަ މަހު އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު ނުބާއްވައިފި ނަމަ ޕާޓީގެ ތެރޭގައި މަސްލަހަތު މާ ގޯސްވާނެ ކަމަށް ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނުގެ ކެމްޕޭން ދަތުރުގެ ތެރެއިން މިއަދު ތ. އަތޮޅަށް ފެއްޓެވި ދަތުރުގެ ތެރެއިން ތިމަރަފުށީގައި ވިދާޅުވީ އަންނަ މަހުގެ 12 ގައި ބާއްވަން ނިންމާފައި އޮތް ޗެއާޕާސަން އެ އިންތިހާބު އެ ތާރީހުގައި ނުބާއްވައިފި ނަމަ މައްސަލަ މާ ގޯސްވެ، މަސްލަހަތު ގެއްލި، މާ އުނދަގޫވާނެ ކަމަށެވެ.
ނަޝީދު އެގޮތަށް ވިދާޅުވެފައި މި ވަނީ އެ އިންތިހާބު ފަސްކުރަން ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ހުށަހެޅުއްވުމާ ގުޅިގެންނެވެ. އޭނަ ވިދާޅުވެފައި ވަނީ ޗެއާޕާސަން އިންތިހާބާއި ގައުމީ މަޖިލިސް އިންތިހާބު މި ވަގުތު ބާއްވައިފި ނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި، އޭގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށެވެ. އަދި ދެ އިންތިހާބު ބާއްވަން ފައިސާ ނެތް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ގަޕޯ ވިދާޅުވެފައި ވަނީ ދައުލަތުގެ ބަޖެޓުން ޕާޓީ އަށް ލިބެން ޖެހޭ ފައިސާ އަދިވެސް ލިބިފައި ނުވާ ކަމަށެވެ.
މިކަމާ ގުޅިގެން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އާ ހިތްހަމަ ނުޖެހޭ މީހުން ޕާޓީގައި ތިބި ގޮތަށް އެ މަނިކުފާނާ ވެސް ހިތްހަމަ ނުޖެހޭ މީހުން އެބަތިބި ކަމަށެވެ.
"ތާއީދު ގިނައީ ކޮން ބަޔަކަށްކަން ނޭގެންޏާ އަނެއްކާ ވެސް ޖެހޭނީ ރައީސް ޞާލިހާ އެކު ތި ބޭފުޅުން ހިތްހަމަޖައްސަން ފޮޓޯއެއް ނަގަން. އެކަމަކު ހަފްތާއެއް ފަހުން އަނެއްކާވެސް ހިތްހަމަނުޖެހުން އުފެދޭ،" ނަޝީދު ވިދާޅުވި އެވެ. "އިންތިހާބު ބާއްވައި މިކަން ނިންމީމަ އެމްޑީޕީއަށް މާ ކާމިޔާބު ވާނެ."
ކުރިން ވެސް ޗެއާޕާސަންގެ މަގާމު ފުރުއްވި ނަޝީދުގެ އިތުރުން މި ފަހަރު އެ މަގާމަށް ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއިލް ނަސީމެވެ. އޭނަ ވެސް ވަނ އިންތިހާބު ފަސްކުރަން ދެކޮޅު ހައްދަވައިފަ އެވެ.