Last Updated: July 11, 12:07
Saturday, July 11, 2026
ދުނިޔެ

ސްޕިރިޓް އެއާލައިންސް ހުއްޓާލައިފި

މި ފަހުން މާލީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެ، މީގެ ދެ އަހަރު ކުރިން ބަނގުރޫޓްވިކަން ވެސް އިއުލާންކުރި އެމެރިކާގެ ބަޖެޓްގެ އެއާލައިންސް، ސްޕިރިޓް އެއާލައިންސްގެ އޮޕަރޭޝަންތައް ހުއްޓާލައިފި އެވެ.

އެކަން މިއަދު އިއުލާންކޮށް އެ އެއާލައިނުން ބުނީ އޮޕަރޭޝަން ހުއްޓާލަން ނުޖެހޭތޯ މިހާތަނަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ. އެކަމަކު އެކަންކަން ނާކާމިޔާބުވެފައިވާތީ، އެއާލައިންސް ހުއްޓާލަން ނޫން ގޮތެއް ނެތް ކަމަށް ބުންޏެވެ. ސްޕިރިޓް އެއާލައިންސް ހުއްޓާ ނުލައި ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދަން ކުރި މަސައްކަތުގެ ތެރޭގައި އެމެރިކާގެ ސަރުކާރުގައި 500 މިލިއަން ޑޮލަރުގެ އެހީއަކަށް ވެސް އެދުނެވެ.

ނަމަވެސް އެކަން ވެސް ކާމިޔާބުވެ އެ އެއާލައިންގެ އޮޕަރޭޝަންތައް މިއަދުން ފެށިގެން ވަނީ ހުއްޓާލައިފަ އެވެ. މިއާ އެކު ކުރިއަށް ރާވާފައި ހުރިހާ ދަތުރުތައް ވެސް ވަނީ ކެންސަލްކޮށްފަ އެވެ. އެހެންވެ ޓިކެޓް ނަގާފައިވާ އެންމެންނަށް ރިފަންޑް ލިބޭނެ އިންތިޒާމު ވެސް މިހާރު ހަމަޖައްސާފައިވާ ކަމަށް އެެއާލައިނުން ބުންޏެވެ.

ސްޕިރިޓް އެއާލައިންސް ބުނީ މާލީ ވަރަށް ބޮޑެތި ދަތިތަކުގެ ތެރެއަށް އެއާލައިން ވެއްޓިފައި ވަނިކޮށް، އިރާން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް އެރި ލޮޅުމާ އެކު އިތުރު ދަތިިތައް ވެސް ކުރިމަތިވެފައިވާ ކަމަށެވެ.

ފްލީޓްގައި 131 ބޯޓް އޮތް ސްޕިރިޓް އެއާލައިން ދަތުރުތައް ކުރަމުން އައީ އެމެރިކާ އާއި ލެޓިން އެމެރިކާގެ އިތުރުން ކެރީބިއަންގެ ގައުމުތަކަށެވެ. އެގޮތުން އެ ސަރަހައްދުތަކުގެ 70 މަންޒިލަކަށް ޝެޑިއުލް ދަތުރުތައް ބާއްވަމުން އައިސްފައިވެ އެވެ.

މީގެ 33 އަހަރު ކުރިން މެއި 29، 1992 ގައި އުދުހެން ފެށި ސްޕިރިޓް އެއާލައިން ހުއްޓާލި އިރު، މުވައްޒަފުންގެ އަދަދު 11،300 އަށް ވުރެ ގިނަ އެވެ.