Last Updated: July 11, 11:17
Saturday, July 11, 2026
ޚަބަރު

ކާޑުގެ ވެރިފަރާތް ބޭރަށް ނުގޮސް ބޭނުން ނުކުރެވޭނެ

ކޭޝް ކާޑުގެ ވެރިފަރާތް ބޭރަށް ނުގޮސް ކޭޝް ކާޑު ބޭނުން ނުކުރެވޭ ގޮތަށް ބީއެމްއެލް އިން ހަދައިފި އެވެ.

ބީއެމްއެލްގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީއީއޯ/އެމްޑީ މުހައްމަދު ޝަރީފު ވިދާޅުވީ ހުރިހާ ފަރާތްތަކަށް ހަމަހަމަކޮށް ޑޮލަރު ފޯރުކޮށް ދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އިމިގްރޭޝަންއާ ގުޅިގެން ކާޑުގެ ވެރިފަރާތް ބޭރުގައި ނެތްނަމަ ކާޑު ބޭނުން ނުކުރެވޭ ގޮތަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.

އެ ނިންމުން ނިންމީ ރާއްޖޭން ބޭރަށް ދާ މީހުންގެ އަތަށް ކާޑު ދީ، ބޭރު ފައިސާ ބޭނުންކުރެވޭ ލިމިޓުގެ ނާޖައިޒު ފައިދާ ނެގުން ހުއްޓުވުމަށް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

މި ބަދަލާއެކު ބީއެމްއެލް އާއި މޯލްޑިވްސް އިމިގްރޭޝަން އާއިއެކު ގާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަން އާއި އެކު، ރާއްޖެއިން ބޭރުގައި ޕީ.އޯ.އެސް އަދި އޭޓީއެމް ތަކުގައި ބޭނުންކުރެވޭ ފޮރިން ސްޕެންޑް ލިމިޓް، ހަމަ އެކަނި ރާއްޖެއިން ބޭރުގައި ތިބޭ އިރު އެކްޓިވް ވާގޮތަށް ހަމަޖެއްސުން ހިމެނެ އެވެ.

"އޭގެ މާނައަކީ ރާއްޖޭގައި އެބޭފުޅަކު ހުންނަވާއިރަކު ރާއްޖެއިން ބޭރުގައި ހުރި އޭޓީއެމްއަކުން، ޕީއޯއެސްއަކުން ބޭނުމެއް ނުކުރެވޭނެއޭ. އެހެން ބަޔަކު ކާޑު ގެންގޮސްގެން ބޭނުމެއް ނުކުރެވޭނެ. ރާއްޖޭގައި ތިއްބަވާ ކަސްޓަމަރުންގެ ކާޑު ވެރިފަރާތާ ނުލާ ކާޑު ބޭރަށް ގެންގޮސްގެން ބޭނުން ނުކުރެވޭ ގޮތަށް ހަމަޖެހިގެންދާނެ." ޝަރީފް ވިދާޅުވި އެވެ.

ބީއެމްއެލްއިން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބައެއް ފަރާތްތަކުން 500 އެއްހާ ކާޑު ހިފައިގެން ބޭރަށް ގޮސް ވިޔަފާރި ކުރާކަން ފާހަގަވެފައިވާ ކަމަށް ބުނެފަ އެވެ.