Last Updated: July 12, 22:47
Sunday, July 12, 2026
ޚަބަރު

ހިތަދޫ އުތުރަށް ވާދަ ކުރަނީ ސޯބެ އާއި ސައީދު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވިއިރު ކުރިމަތިލާފައިވަނީ ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު އާއި އެމްޑީޕީގެ ފަރާތުން ޢަބްދުﷲ ސޯދިގު (ސޯބެ) ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ އެ ގޮނޑި ފުރުއްވަމުން ގެންދެވި ޕީއެންސީ އަށް ނިސްބަތްވާ މުހައްމަދު ސިނާންގެ މައްޗަށް ސާބިތުވި ދަރަނި ހުކުމާ އެއްގޮތަށް ދައްކާފައި ނުވުމުގެ ސަބަބުންނެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފި އެވެ.

މި ބައި-އިލެކްޝަންގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިއަދު މެންދުރު 15:00 އާ ހަމައަށެވެ. މި މުއްދަތުގައި ލިބިފައިވަނީ ސައީދު އާއި ސޯބެގެ ފޯމު ކަމަށް އީސީން ބުނެ އެވެ.