Last Updated: July 11, 11:17
Saturday, July 11, 2026
ޚަބަރު

ބައެއް ސައިޓުތަކުން ކުރެވޭ ވިޔަފާރި ލިމިޓު ކުރަނީ

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންނަށް ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ބޭރުގެ ބައެއް ވެބްސައިޓުތަކުން ވިޔަފާރިކުރެވޭ މިންވަރު ލިމިޓު ކުރަން ނިންމައިފި އެވެ.

މިއަދު ބީއެމްއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ ވިޔަފާރީގެ ބޭނުމަށް ބައެއް މީހުން ވަރަށް ގިނަ އަދަދަކަށް އަމިއްލަ ބޭނުމަށް ދޫކުރެވިފައިވާ ރުފިޔާ ކާޑުތައް އޮންލައިން ސައިޓުތަކުން މުދާ ގަންނަން ބޭނުންކުރާތީ އެކަމަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ވިއްކުން އިތުރުވެފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން ގިނަ ރައްޔިތުންނަށް ބޭރު ފައިސާ ވިއްކުމަށް ހުންނަ ބޭރު ފައިސާ މަދުވާ ކަމަށާއި އެ ސަބަބަށްޓަކައި ކޮންމެ ދުވަހެއްގައި ސައިޓުތަކުން ވިޔަފާރިކުރުމަށް ދޫކުރެވޭނެ ބޭރު ފައިސާގެ އަދަދު ކަނޑައެޅިގެންދާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

އެގޮތުން އީކޮމާސް ވެބްސައިޓުތަކުން މަހެއްގެ މައްޗަށް ތިރީހަށްވުރެ ގިނަ މުއާމަލާތްކުރަނީ ބޭންކުގެ ކަސްޓަމަރުންގެ ތެރެއިން އެންމެ ތިން އިންސައްތަ މީހުންކަން ފާހަގަކުރައްވަމުން ޝަރީފް ވަނީ އެ ސަބަބަށްޓަކައި މަހެއްގެ މައްޗަށް އީކޮމާސް ވެބްސައިޓުތަކުން ކަސްޓަމަރަކަށް ހިންގޭނީ ގިނަވެގެން 30 މުއާމަލާތް ކަމަށް ބޭންކުން ކަނޑައަޅާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ޝަރީފް ފާހަގަކުރެއްވި ގޮތުގައި، މިހާރު ބޭންކަށް ލިބޭ ޑޮލަރަށް ވުރެ ވިއްކަންޖެހޭ އަދަދު އިތުރުވެފައިވުމުން، މިފަދަ ފިޔަވަޅުތަކަކީ ހުރިހާ ރައްޔިތުންގެ އެންމެ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ހަމަހަމަކޮށް ފޯރުކޮށްދިނުމަށް ކޮންމެހެން މުހިންމު ފިޔަވަޅުތަކެކެވެ. މީގެ ކުރިން ވެސް ޑޮލަރުގެ ތާށިކަމާ ހެދި ބޭންކުން ވަނީ އީ-ކޮމާސް މުއާމަލާތްތަކުން 30 އިންސައްތައިގެ ފީއެއް ނަގަން ފަށާފަ އެވެ.