އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް އެ ޕާޓީ ހިންގާ ނުލެވުނު ކަމަށް އެމްޑީޕީގެ އާންމު މެމްބަރުން ބުނަމުންދާ ކަމަށް، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.
މީކާއީލް މިހެން ވިދާޅުވީ، ޕާޓީގައި ފައިސާ ނެތް ކަމަށް ބުނެ އެތެރޭގެ އިންތިހާބު ފަސްކުރުމަށް ވަގުތީ ޗެއާޕާސަން އެދިފައިވާ ދަނޑިވަޅެއްގައި، ޕާޓީގެ މާލީ ތަފްސީލުތައް ހާމަކުރުމަށް އޭނާ ގޮވާލެއްވުމުން އެކަމަށް ފައްޔާޒު ރައްދު ދެއްވުމުންނެވެ. ފައްޔާޒު ވަނީ ޕާޓީގެ އޮޑިޓް ރިޕޯޓްތައް ހިމެނޭ ލިންކެއް ހިއްސާކުރައްވައި، އެ ރިޕޯޓްތައް ބެއްލެވުމަށް މީކާއީލަށް އިރުޝާދު ދެއްވާފަ އެވެ.
ފައްޔާޒުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން މީކާއީލް ވިދާޅުވީ، އަހަރަކު އެއްފަހަރު އާންމުކުރާ އޮޑިޓް ރިޕޯޓަކުން އެކަނި ނުފުދޭ ކަމަށެވެ. އަދި ޕާޓީގެ ވެބްސައިޓުގައިވާ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، އެ އަހަރާއި އޭގެ ކުރީ އަހަރު މުސާރައާއި އިނާޔަތްތަކަށް އެކަނިވެސް 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަން މީކާއީލް ފާހަގަކުރެއްވި އެވެ.
މީކާއީލް ވިދާޅުވީ، އެ ފައިސާ ހަރަދުވީ ކިހިނެއްކަމާއި ޕާޓީގެ ހަރުމުދަލުގެ ތަފްސީލު އާންމު މެންބަރުންނަށް އެނގެންޖެހޭނެ ކަމަށެވެ.
"ޕާޓީގެ އާންމު މެންބަރުން ބުނަމުންދަނީ މި ޕާޓީ ހިންގައެއް ނުލެވުނޭ ބަދަލު ކުރާށޭ،" މީކާއިލް ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި މީކާއިލްއާ ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. އިންތިހާބު އޮންނާނީ އަންނަ މަހުގެ 12 ގަ އެވެ.