ނެޝަނަލް އެވޯޑްހާސިލުކޮށްފައިވާ ބޮލީވުޑްގެ އެކްޓަރު އަޔޫޝްމަން ކްރާނާގެ އާ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ ދޯ" ގެ ޓްރެއިލާ މިއަދު ދައްކާލަފި އެވެ.
މި މަހުގެ 15 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ މި ރޮމޭންޓިކް ކޮމެޑީ އަކީ ޑައިރެކްޓަރު މުދައްސަރު އަޒީލް 2019 ގައި ގެނެސްދިން "ޕަތީ ޕަތުނީ އޯރް ވޯ" އާ ގުޅުވައިގެން ގެނެސްދޭ ފިލްމެކެވެ. އެކަމަކު ކުރީގެ ފިލްމުގެ ކާސްޓުންނެއް އާ ފިލްމަކު ނުހިމެނެ އެވެ. "ޕަތީ ޕަތުނީ އޯރް ވޯ" ގެ ލީޑް ތަރިންނަކީ ކާތިކް އާރިއަނާއި އަނަންޔާ ޕާންޑޭގެ އިތުރުން ބޫމީ ޕިޑްނޭކަރެވެ.
އަޔޫޝްމަނާ އެކު "ޕަތީ ޕަތުނީ އޯރް ވޯ ދޯ" އިން ތިން ބަތަލާއަކު ހިމެނެ އެވެ. އެއީ ސާރާ އަލީ އަލީ ޚާނާއި ރަކުލް ޕްރީތު ސިންގުގެ އިތުރުން ވަމީގާ ގައްބީ އެވެ. މީގެ ތެެރެއިން ސާރާ އާއި ވަމީގާ އަކީ އަލަށް، އަޔޫޝްމަަނާ އެކު ފިލްމަކުން ދެ ތަރިންނެވެ.
"ޕަތީ ޕަތުނީ އޯރް ވޯ ދޯ" ގެ އިތުރުން އަޔޫޝްމަންގެ އެހެން ދެ ފިލްމެއް ވެސް މި އަހަރު ރިލީޒްކުރާނެ އެވެ. އެއީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑްކްޝަންގެ ސްޕައި ކޮމެޑީ "އުޅުތާ ތީރު" އާއި ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ އާއިލީ ލޯބީގެ ފިލްމު "ޔޭ ޕްރޭމް މޯލް ލިއާ" އެވެ.
"އުޅުތާ ތީރު" ގެ ބަތަލާ އަކީ ސާރާ އެވެ. އަދި "ޔޭ ޕްރޭމް މޯލް ލިއާ" ގެ ބަތަލާ އަކީ ޝަރްވާރީ ވާގެވެ.