ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރައްވަން ބޭނުންފުޅު ނުވާ ކަމަށާއި އެއީ ބަދުނާމު އެޅޭ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
"ބޮޑު ބަދަލު"ގެ ކެމްޕެއިނަށް ނަޝީދު ތ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތ. ކިނބިދޫގައި ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ ރައީސްކަން ކުރައްވަން ބޭނުންފުޅުނުވާ ކަމަށާއި އެއީ ބޮޑު ބަދުނާމެއް އެޅޭ ކަމެއް ކަމަށެވެ.
"އެކަމަކީ ރައްޔިތުންނަށް ރަނގަޅު ކަމެއް ނުކޮށްދެވި، ހަމަ ބޮޑު ބަދުނާމެއް އެޅޭ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެންމެ ރަނގަޅަށް ވެރިކަން ހިންގޭނެ ގޮތަކީ ސަރުކާރުގެ ވެރިޔާ އާއި ދައުލަތުގެ ވެރިޔާ ވަކިކޮށްގެން އެކަން ކުރުމުން ކަމަށެވެ. މިހާރު ގާނޫނު އަސާސީގައިވާ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެ، ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ހުށަހަޅުއްވާފައިވާ "ބޮޑު ބަދަލު"ތަކަށް މަޝްވަރާކުރަން އައުމަށް ނަޝީދު މީގެކުރިން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.
އެކަމަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ މި ސަރުކާރުން އެ ބަދަލުތަކަށް ފުރުސަތު ނުދީފިނަމަ 2028 ގައި އުފެދޭ ސަރުކާރަކުން އެކަން ކުރާނެ ކަމަށާއި އަދި އެ ސަރުކާރު ވާނީ ވެސް އެ ބަދަލުތައް ގެނައުމަށް އުފައްދާ ސަރުކާރަކަށް ކަމަށެވެ. އެގޮތުން އެ ސަރުކާރުގެ ފުރަތަމަ ދުވަހު ވެސް އެ ބަދަލުތައް ގެންނަން މަސައްކަތް ފެށުމަކީ އެ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށްވެސް ވިދާޅުވި އެވެ.