Last Updated: July 12, 22:47
Sunday, July 12, 2026
ޚަބަރު

ވަރުގަދަ އިދިކޮޅު ލީޑަރަކަށް ފެންނަން ހުރީ ފައްޔާޒު

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް

ވަރުގަދަ އިދިކޮޅު ލީޑަރަކަށް މިވަގުތު ފެންނަން ހުރީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ނަޝީދު "ބޮޑު ބަދަލު"ގެ ކެމްޕެއިނަށް ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫގައި ރޭ ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ ފައްޔާޒާއެކު މަސައްކަތް ކުރައްވަނީ އެއީ މިވަގުތު ފެންނަން ހުރި ވަރުގަދަ އިދިކޮޅު ލީޑަރަށް ވުމުން ކަމަށެވެ.

"މިހާރު އަޅުގަނޑަށް ވަރުގަދަ އިދިކޮޅު ލީޑަރެއްގެ ގޮތުގައި، ޝަހުސިއްޔަތެއްގެ ގޮތުގައި ފެންނަން ހުރީ ފައްޔާޒު އިސްމާއިލް. އެހެންވެ އަޅުގަނޑު އެބޭފުޅާއާ އެކީގައި މިތަނަށް މި އަންނަނީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު ވެރިކަމަށް ގެންނަން ތާއީދުކުރައްވާކަން ވެސް މީގެކުރިން ހާމަކުރައްވާފަ އެވެ.

"ބޮޑު ބަދަލު"ގެ ނަމުގައި ނަޝީދާއި ފައްޔާޒު ހުށަހަޅުއްވާ ހުށަހެޅުންތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ދައުލަތުގެ އެންމެ މަތީ ވެރިޔާ އާއި ސަރުކާރު ހިންގާ ފަރާތަކީ ތަފާތު ދެ ބޭފުޅުން ކަމުގައި ކަނޑައެޅުމެވެ.

އެބޭފުޅުންގެ ހުށަހެޅުމުގައިވާ ގޮތުން ސަރުކާރު ހިންގާ ފަރާތް ހޮވާނީ ރައްޔިތުންގެ ސީދާ ވޯޓަކުންނެވެ. ނަޝީދާއި ފައްޔާޒު ހުށަހެޅުއްވި މި އިސްލާހުތަކުގައި ދައުލަތުގެ އެންމެ މަތީވެރިޔާ ނުވަތަ "ރައީސުލްޖުމްހޫރިއްޔާ" ހޮވާ ގޮތަށްވެސް ބަދަލުތަކެއް ވަނީ ހިމަނައިފަ އެވެ.

އެގޮތުން އެ މަގާމަށް ބޭފުޅަކު އައްޔަންކުރާނީ އިންތިހާބީ މަގާމުތަކުގައި ތިބި މީހުންގެ ވޯޓުން ކަމަށް ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް، ދައުލަތުގެ އެންމެ މަތީވެރިޔާ މަގާމުން ވަކިކުރެވޭނީ ރައްޔިތުންގެ ސީދާ ވޯޓަކުންކަމަށް އެ ހުށަހެޅުމުގައިވެ އެވެ.