އިނގިރޭސި ޕްރިިމިއާ ލީގުގައި ރޭ ފުލަމް އަތުން 3-0 އިން މޮޅުވެ، އާސެނަލުން ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
އާސެނަލުން ވަނީ ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވުރެ ދެ މެޗު އިތުރަށް ކުޅެފަ އެވެ. އާސެނަލް އެއް ވަނައިގައި އޮތީ 35 މެޗުން 76 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް 33 މެޗުން ލިބުނީ 70 ޕޮއިންޓެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ އާސެނަލުން ކުޅުނު މެޗުގެ ނުވަ ވަނަ މިނިޓްގައި ލީޑުނެގީ ސްވިޑެންގެ ފޯވާޑް، ވިކްޓަ ޔޮކަރޭސް ޖެހި ގޯލުންނެވެ. މިއީ، ބުކާޔޯ ސަކާ ނަގައިިދިން ހުރަހަކަށް އަރައި ޔޮކަރޭސް ޖެހި ލަނޑެކެވެ.
މެޗުގެ 40 ވަަނަ މިނެޓްގައި ޔޮކަރޭސް ދިން ބޯޅައަކުން އާސެނަލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސަކާ އެވެ. އަދި ފުރަތަަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި، ޓްރޮސާޑް ނެގި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން، ޔޮކަރޭސް ވަނީ އާސެނަލްގެ ތިން ވަނަ ލަނޑު ޖަހައިދީފަ އެވެ.
ދެވަނަ ހާފުގައި ފުލަމް އިން ގޯލެއް ކާމިޔާބު ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް އެޓީމަށް އެކަން ކާމިޔާބުވެފައެއް ނުވެ އެވެ.
ލީގުގައި ރޭ ވެސްޓް ހޭމް ކުޅުނު މެޗުން ބްރެންޓްފޯޑް އަތުން 3-0 އިން ބަލިވިއިރު، ނިއުކާސަލް ޔުނައިޓެޑުން ވަނީ 3-1 އިން ބްރައިޓަން ބަލިކޮށްފަ އެވެ. އަދި، ސަންޑަލެންޑުން މެޗުގެ ބޮޑުބައި ކުޅުންތެރިއަކު މަދުކޮށް ކުޅުނުއިރު، ވުލްވްސްއާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ.