Last Updated: June 23, 17:26
Tuesday, June 23, 2026
ޚަބަރު

ސޯބެގެ ކެމްޕޭން ލޯންޗް ކުރުން މާދަމާ ރޭ

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ ސޯދިގް (ސޯބެ) ގެ ކެމްޕޭން ލޯންޗް ކުރުމުގެ ހަފުލާ މާދަމާ ރޭ ބާއްވަން ނިންމައިފި އެވެ.

އެ ހަފުލާ އޮންނާނީ ހިތަދޫ ބޮޑު ބޮނޑުމަގުގައި ހުންނަ ކޯލާފިހާރަ ސަރަހައްދުގަ އެވެ. ކެމްޕޭން ލޯންޗްކުރުމުގެ ހަފުލާ އޮންނާނީ މާދަމާ ރޭ 8:30 ގަ އެވެ. އެހެންވެ ވީހާ ވެސް ގިނަ ބަޔަކު އެ ހަފުލާގައި ބައިވެރިވުމަށް ސޯބެ އެދިވަޑައިގެންފައިވެ އެވެ.

މަޖިލީހުގެ ގޮނޑިއަކަށް ސޯބެ އަލަށް ވާދަކުރައްވާ އިރު، އޭނަ އަކީ ތިން ދައުރަކަށް އައްޑޫގެ މޭޔަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ސޯބެ އަކީ އައްޑޫގެ ފުރަތަމަ މޭޔަރު ވެސް މެ އެވެ.

ހިތަދޫ އުތުރު ދާއިރާ އަށް އަލުން މެންބަރަކު ހޮވަން ބައި-އިލެކްޝަނަކަށް ދާން ޖެހުނީ ކުރިން މެންބަރަކަށް ހުންނެވި ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަށް ނިސްބަތްވާ މުހައްމަދު ސިނާނަށް ސާބިތު ދަރަނީގެ މައްސަލައެއްގައި ގޮނޑި ގެއްލިފައިވާ ކަމަށް މިދިޔަ މަހުގެ 12 ގައި ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.

އެ ގޮނޑި އަށް ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް މިދިޔަ މަހުގެ 25 ގައި ބޭއްވި ޕްރައިމަރީގައި ވާދަކޮށް، ސިނާނަށް ޓިކެޓް ވެސް ލިބުނެވެ. ނަމަވެސް ޕީއެންސީން ފަހުން ވަނީ ސިނާންގެ އަތުން ޓިކެޓް އަތުލައި، ޕްރައިމަރީގައި އޭނައާ ވާދަކޮށް ބަލިވި އަހުމަދު ސައީދު (ސޮޑާ) އަށް ޓިކެޓް ދީފަ އެވެ.

މިހާރު ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރަކަށް ވެސް ހުންނެވި ސޮޑާ އަކީ މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެ ދާއިރާ އަށް ޕީއެންސީގެ ޓިކެޓްގައި ދެވަނަ ދައުރަކަށް ވާދަ ވެސް ކުރައްވައި ނާކާމިޔާބާ ކުރިމަތިލާން ޖެހުނު މީހެކެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމާފައި އޮތީ އަންނަ މަހުގެ 6 ގަ އެވެ. އޭގައި ވާދަކުރަނީ ސޯބެ އާއި ސޮޑާ އެވެ.