Last Updated: June 28, 20:14
Sunday, June 28, 2026
ޚަބަރު

މި އަހަރުގެ އޭޝިއާ މީޑިއާ ސަމިޓް ރާއްޖޭގައި

މި އަހަރު ބާއްވާ 21 ވަނަ އޭޝިއާ މީޑިއާ ސަމިޓް ރާއްޖޭގައި ބާއްވަން ތައްޔާރީތައް ވާން ފަށައިފި އެވެ.

މި މަހުގެ 11-14 އަށް ބާއްވާ ސަމިޓް މި ފަހަރު ހޯސްޓްކުރަނީ ދައުލަތުގެ މީޑިއާ، ޕީއެސްއެމުންނެވެ. ސަމިޓް ކުރިއަށް ގެންދަން ނިންމާފައި އޮތީ ވިލާ ނޯޓިކާ ރިސޯޓްގަ އެވެ. އަދި މި ސަމިޓު ބާއްވާނީ "މޯލްޑިވްސް 2.0 ފްރޮމް ޓްރެޑިޝަން ޓު ޓެކް" ޝިއާރުގެ ދަށުންނެވެ.

ޕީއެސްއެމުން ބުނީ ސަމިޓްގެ ބައެއް ހަރަކާތްތައް މާލެ ސަރަހައްދުގެ ޕިކްނިކް އައިލޭންޑް، ކުޑަގިރީގައި ވެސް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ.

މި އަހަރުގެ އޭޝިއާ މީޑިއާ ސަމިޓުގައި 35 ގައުމަކުން 200 އެއްހާ މަންދޫބުން ބައިވެރިވާނެ އެވެ.

އޭޝިއާ މީޑިއާ ސަމިޓަކީ އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިން ޑިވެލޮޕްމަންޓް (އޭއައިބީޑީ) އިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އަހަރީ ބައްދަލުވުމެކެވެ. މީގައި ބްރޯޑްކާސްޓަރުންނާއި، އިންޑަސްޓްރީގެ ތަޖުރިބާ ކާރުންނާއި، އެ ދާއިރާގެ ތަޢުލީމީ އަދި ފަންނީ ބޭފުޅުންނާއި، ސިޔާސަތު އެކުލަވާ ބޭފުޅުން އެއްތަނަކުން ބައްދަލުވެ، މީޑިއާ އިންޑަސްޓްރީގެ މުސްތަޤުބަލު ބައްޓަންކޮށް، މުހިންމު ނިންމުންތަކެއް މަޝްވަރާ ކުރެ އެވެ.