Last Updated: June 27, 13:13
Saturday, June 27, 2026
ޚަބަރު

ރުފިޔާގެ 938،033 ނޫޓް ނައްތާލައިފި

ހަލާކުވެފައިވާތީ 938،000 އަށް ވުރެ ގިނަ ދިވެހި ރުފިޔާގެ ނޫޓް މިދިޔަ އަހަރު ނައްތައިލި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

މަރުކަޒީ ބޭންކުން ބުނި ނައްތާލި ނޫޓުތަކުގެ އަދަދު 938،033 އަށް އަރާ ކަމަށެވެ. އޭގެ އަގު 70.6 މިލިއަން ރުފިޔާއަށް އަރަ އެވެ.

ނައްތައިލި ނޫޓުތަކުގެ ތެރޭގައި އެންމެ ގިނައީ 100ރ. ގެ ނޫޓެވެ.

ރާއްޖޭގައި މިހާރު ބޭނުން ކުރަމުން އަންނަނީ ސަލާމަތީ ފީޗާތައް ވެސް ވަރުގަދަ ޕޮލިމާ ނޫޓެވެ. ރަންދިހަ ފަހެއްގެ ނަމުގައި އެ ނޫޓް ސީރީޒް ތައާރަފުކުރީ 2016 ގަ އެވެ.

މި ނޫޓް ސީރީޒްގެ ބައެއް ނޫޓްތައް މަދުވެގެންނާއި އަދި ހަލާކުވުން ފަދަ ކަންކަމާ ގުޅިގެން އެކި ފަހަރު މަތިން ޗާޕްކޮށްގެން ނެރެފައިވެ އެވެ. އެގޮތުން އެންމެ ފަހުން ޗާޕްކޮށްގެން ދައުރު ކުރަން ފެށީ މިދިޔަ މާޗް މަހުގެ ތެރޭގައި 10ރ. ގެ ނޫޓެވެ.