ވަރަށް ބޮޑެތި ތައްތާރީތަކެއް ވާން ޖެހޭތީ ބޮލީވުޑްގެ އެކްޓަރު ވިކީ ކޯޝަލް ފިލްމަކަށް ދޮޅު އަހަރު ހުސްކުރަން ނިންމައިފި އެވެ.
އެ ފިލްމަކީ އޭނަ ވަރުގަދަ ހަނގުރާމަވެރިއެެއްގެ ރޯލު ކުޅެން ހަމަޖެހިފައިވާ ޑައިރެކްޓަރު އަމަރު ކޯޝިކްގެ 'މަހާވަތުރު' އެވެ. މި ފިލްމަކީ މިދިޔަ އަހަރު ރިލިޒްކުރި ވިކީގެ ކާމިޔާބު، ތާރީހީ ހަނގުރާމަ ފިލްމު، ޗާވާ ވެސް ގެނެސްދިން ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ބޮޑު ބަޖެޓަކުން ވަރަޑް ގްރޭންޑްކޮށް ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި އަންނަ މަހުން ފެށިގެން ވިކީ 'މަހާވަތުރު' އަށް ތައްޔާރުވާން ފަށާނެ އެވެ. އެއީ ޝޫޓިން ނުނިމި ދިގުލައިގެން ގޮސްފައި އޮތް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ 'ލަވް އެންޑް ވޯ' ގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި އެއްކޮށް ނިންމައިލުމަށް ފަހު އެވެ.
ކާސްޓްގައި ރަންބީރް ކަޕޫރާއި އަންހެނުން އާލިއާ ބަޓް ވެސް ހިމެނޭ އެ ފިލްމަކީ އަންނަ އަހަރުގެ ޖެނުއަރީ 21 ގައި ސިނަމާތަކަށް ގެންނަން މިހާރު ތާވަލުކޮށްފައި އޮތް ފިލްމެކެވެ. 'ލަވް އެންޑް ވޯ' ކުޅެން ވިކީ ވަނީ ބަރުދަން ވަރަށް ބޮޑަށް ލުއިކޮށް، ހަށިގަނޑު ވަރަށް ބޮޑަށް ލީންކޮށްފަ އެވެ.
މިއާ ހިލާފަށް 'މާހަވަތުރު' އަކީ ހަށިގަނޑު ބިޔަކޮށް، ވަރުގަދަ ކުރަން ޖެހޭ ކަހަލަ ކެރެކްޓާއެއް ކުޅެން ޖެހޭ ފިލްމެކެވެ. އެހެންވެ 'ޗާވާ' އަށް ތައްތާރުވި ގޮތަށް 'މާހަވަތުރު' އަށް ވިކީ ބަރުދަން އިތުރުކޮށް، ހަށިގަނޑު ވަރުގަދަކޮށް ޖިސްމާނީ ގޮތުން ބޮޑު ބަދަލެއް ގެންނާނެ ފިލްމެކެވެ. މި ފިލްމަށް އިތުރަށް ވާން ޖެހޭ ތައްޔާރީތައް އަންނަ މަހުން ފެށިގެން އަހަރުގެ ބާކީ އޮތް މުއްދަތުގައި ވިކީ އެއްކޮށް ވަގުތު ދޭނެ އެވެ.
ފިލްމުގެ ޝޫޓިން ފަށަން މިހާރު ޕްލޭންކޮށްފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީގަ އެވެ. އަދި ރާވާފައި އޮތް ގޮތުން މަހާވަތުރުގެ ޝޫޓިން ނިންމައިލެވޭނީ އަންނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގަ އެވެ. 'މަހާވަތުރު' އަކީ 2024 ގައި އިއުލާންކޮށް، ކުރިން މި އަހަރުގެ ޑިސެންބަރުގައި ގެނެސްދޭން ނިންމި ފިލްމެކެވެ.
ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ ވިކީ، 37، އަކީ މިހާރު ބޮލީވުޑްގައި ތިބި އެކްޓަރުންގެ ތެރެއިން އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑް ބޮޑު އެކެކެވެ. މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ފެބްރުއަރީގައި ރިލީޒްކުރި 'ޗާވާ' އެވެ.