Last Updated: June 29, 02:43
Sunday, June 28, 2026
ރިޕޯޓް

ސިޔާސީ މަޝްވަރާ އާއި "ލޮލް"

ރާއްޖޭގެ ސިޔާސީ މަސްރަހަކީ އަބަދުވެސް އޮއިވަރު ބަދަލުވަމުންދާ، ހަލަބޮލި މައިދާނެކެވެ. ދާދިފަހުން ބޭއްވުނު ކައުންސިލް އިންތިހާބަށްފަހު، މައި އިދިކޮޅު ޕާޓީ އެމްޑީޕީން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކާއެކު ސިޔާސީ މަސްރަހު އަނެއްކާ ވެސް މިވަނީ ހޫނުވެފައެވެ. މި ހަރަކާތްތަކުގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަކާއި، އެކަމަށް ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ކުރެއްވި މަލާމާތުގެ ސަބަބުން މި ވަނީ ބޮޑު ބަހުސެއް އުފެދިފަ އެވެ.

އެމްޑީޕީން ބޭއްވި އިހުތިޖާޖެއްގައި ބައިވެރިވެވަޑައިގެން ރައީސް ނަޝީދު ވިދާޅުވީ، ގައުމުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ ކަމަށެވެ. އަދި މަޝްވަރާގެ މަގު އިޚްތިޔާރު ނުކުރާހާ ހިނދަކު، މަގުމަތީގެ ހަރަކާތްތަކާއި މުޒާހަރާތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު ވެސް އެމަނިކުފާނު ދެއްވި އެވެ. ރައީސް ނަޝީދުގެ މި ގޮވާލެއްވުމަކީ ރާއްޖޭގެ އިސްލާހީ މަސައްކަތުގައި އެމަނިކުފާނު އަބަދުވެސް ގެންގުޅުއްވާ އުސޫލެއްކަން ފާހަގަކުރެވެ އެވެ.

ނަމަވެސް، ރައީސް ނަޝީދުގެ މި ވާހަކަފުޅު މީޑިއާތަކުން ރިޕޯޓުކުރުމާއެކު، ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އިންސްޓަގްރާމްގައި އެކަމަށް ޖޯކު ޖައްސަވާފައެވެ. ރައީސް ނަޝީދުގެ ޚަބަރަކަށް ރައްދު ދެއްވަމުން ފަޒްނާ ވަނީ "ލޮލް" ޖައްސަވައި، އެމަނިކުފާނުގެ މަޝްވަރާގެ ގޮވާލެއްވުމަށް ފާޑުވިދާޅުވެ މަލާމާތް ކުރައްވައިފަ އެވެ.

މިއީ ސިޔާސީ ގޮތުން އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅުންގެ ފަރާތުން އާންމުކޮށް ފެންނަ މަންޒަރެއް ނޫން ކަމުން، ގިނަ ބައެއްގެ ސަމާލުކަން މިކަމަށް މި ވަނީ ހުއްޓިފަ އެވެ.

މިކަމާ ގުޅިގެން ކުރީގެ މަޖިލިސް މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވަނީ އެކްސްގައި ވަރުގަދަ ރައްދެއް ދެއްވައިފަ އެވެ. އިންތި ފާހަގަ ކުރެއްވި ގޮތުގައި، މީގެ ކުރިން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރަށް ވެސް ރައީސް ނަޝީދު މަޝްވަރާއަށް ގޮވާލެއްވި އެވެ. އަދި އެ ދުވަހުގެ އެ ގޮވާލެއްވުމަށް މަލާމާތްކޮށް "ލޮލް" އަކުން ނިންމާނުލެވުނު ކަމަށާއި، އެއީ ރާއްޖެ އަށް އައި ބޮޑު އިންގިލާބީ ބަދަލެއްގެ ފެށުން ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖެއަށް ޑިމޮކްރަސީ އާއި އިސްލާހީ ބަދަލުތައް ގެނައުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ އެ މަޝްވަރާތައްކަން އިންތި ހަނދާންކޮށް ދެއްވި އެވެ.

ހަމައެއާއެކު، ސަރުކާރުގެ ފަރާތުން ވެސް މިކަމަށް ފެނުނީ މަލާމާތާއި ފުރައްސާރަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާ ކުރުމަކީ ރައްޔިތުން އެމަނިކުފާނާ ހަވާލުކޮށްފައިވާ މެންޑޭޓާ ހިލާފު ކަމެއް ކަމަށެވެ. މިއީ ޑިމޮކްރެޓިކް ނިޒާމެއްގައި މަޝްވަރާއަށް އޮންނަ ދޮރު ބަންދުކުރުން ކަމަށް ސިޔާސީ މުހައްލިލުން ދެކެވަޑައިގަންނަވަ އެވެ.

ޖުމްލަ ގޮތެއްގައި ބަލާ އިރު، ސިޔާސީ މަޝްވަރާއަކީ ގައުމެއްގެ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެކަމަށް "ލޮލް" ޖަހައި މަލާމާތް ކުރުމަކީ، ފާއިތުވި ތާރީޚުގައި އެފަދަ މަޝްވަރާތަކުން ގައުމަށް ލިބުނު ކުރިއެރުންތަކަށް ކުރެވޭ ބޭއިންސާފެކެވެ. ސިޔާސީ ޚިޔާލުތަފާތުވުންތައް ހުއްޓަސް، ގައުމީ މަސްލަހަތު އިސްކޮށް މަޝްވަރާގެ މަގު އިޚްތިޔާރު ކުރުމަކީ ތަހުޒީބީ މުޖުތަމައުތަކުގެ ސިފައެކެވެ.