Last Updated: June 29, 13:53
Monday, June 29, 2026
ޚަބަރު

އެޗްއާރްސީއެމްގެ 2 އެވޯޑަކަށް ހުޅުވާލައިފި

ހިއުމަން ރައިޓްސް ކޮމިިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ސްކޫލްތަކަށް ހާއްސަކޮށްގެން ދޭ ދެ އެވޯޑަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

އެ ދެ އެވޯޑަކީ "ބެސްޓް ހިއުމަން ރައިޓްސް ކްލަބް 2025" އެވޯޑް އާއި "ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް 2025" އެވެ. މި އެވޯޑްތަކަކީ ކްލަބްތަކުންނާއި އެ ކްލަބްތަކުގެ ދަރިވަރުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑްތަކެކެވެ.

ދެ އެވޯޑް ދެވޭނީ ކޮންމެ ދިރާސީ އަހަރެއްގެ އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ހާސިލުކޮށްފައިވާ، އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބަކަށާއި ހިއުމަން ރައިޓްސް ކްލަބްގެ ދަރިވަރަކަށެވެ.

އެޗްއާރްސީމުން ބުނީ މި އެވޯޑްތައް ދިނުމުގެ މައިގަނޑު މަގުސަދަކީ އިންސާނީ ޙައްޤުތަކަށް ސްކޫލުތަކުގެ ދަރިވަރުން އަޙުލުވެރި ކުރުވައި، މުސްތަޤްބަލުގައި ހިއުމަން ރައިޓްސް ޑިފެންޑަރުންގެ ގޮތުގައި މަސައްކަތްކުރާނެ ދަރިވަރުންތަކެއް އުފެއްދުމަށް ބާރު އެޅުން ކަމަށެވެ.

އެހެންވެ ދެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 21 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މި hrcm.org.mv/dv/human-rights-club ލިންކުން ފޯމު ފުރާލެވޭނެ އެވެ.