Last Updated: May 16, 20:24
Thursday, May 16, 2024
ޚަބަރު

އިމްރާން ޖަލަށް ދާން ޖެހުނީ ސަރުކާރުގެ ހުށަހެޅުންތަކަށް އިޖާބަ ނުދިނުމުން: ޕީޕީއެމް ކައުންސިލް މެންބަރ

އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ ސަރުކާރުގެ ފަރާތުން ހުށަހެޅި އެއްވެސް ހުށަހެޅުމަކަށް އެއްބަސްވެވަޑައި ނުގަތުމުން ކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރަކު ބުނެފިއެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ޕީޕީއެމްގެ ކައުންސިލް މެންބަރަކު ބުނި ގޮތުގައި ސަރުކާރުގެ ފަރާތުން އިމްރާން އަށް ތަފާތު 3 ހުށަހެޅުމެއް ހުށަހެޅި ކަމަށެވެ. އެހެން ނަމަވެސް އެއިން އެއްވެސް ހުށަހެޅުމަކަށް އިމްރާން އެއްބަސްވެވަޑައި ނުގެންނެވި ކަމަށެވެ.

ޕީޕީއެމް ކައުންސިލް މެންބަރު ބުނި ގޮތުގައި، ސަރުކާރުގެ ފަރާތުން އިމްރާނ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރަން ބޭނުންނަމަ އެކަމަށް އެހީތެރިވެދޭނެ ކަމުގެ ޔަޤީންކަން އެރުވި ކަމަށެވެ. އެހެން ނަމަވެސް އެގޮތަށް އިމްރާން އެއްބަސްވެވަޑައި ނުގެންނެވި ކަމަށެވެ.

އިމްރާން މިނިވަން ކުރުމަށް ދެން ކުރި ޝަރުތަކީ، "ހިމޭނުން" ގޭގައި ހުރުން ކަމަށާއި، އެހެން ނަމަވެސް ސިޔާސީ އެހެނިހެން ކުށްވެރިން މިނިވަން ނުކުރަނީސް ފަހަތަށް ޖެހިވަޑައިގަންނަވަން އިމްރާން ދެކޮޅު ހެއްދެވި ކަމަށް ކައުންސިލް މެންބަރު ބުންޏެވެ.
" އަދާލަތު ޕާޓީއިން އެމްޑީޕީ އާއި އެކު މަސައްކަތް ކުރުން ހުއްޓާލުމަށް ޝަރުތުކުރުމުން އެކަމަށް އިމްރާން އެއްބަހެއް ނުވި. އިމްރާން ބޭނުންވީ ހުރިހާ އެންމެން (ސިޔާސީ ލީޑަރުން) މިނިވަން ކުރުމަށް ބަދަލެއްގެ ގޮތުގައި."

'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން އަދާލާތު ޕާޓީގެ އޮފިޝަލަކު ވެސް ވަނީ، ސަރުކާރުގެ ފަރާތުން އިމްރާން އާއި ވާހަކަ ދައްކަން މަސައްކަތް ކުރި ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އޮފިޝަލް ބުނި ގޮތުގައި ސަރުކާރާއި އެކު ވަކިން ވާހަކަ ދައްކަވަން އިމްރާން ދެކޮޅު ހެއްދެވި ކަމަށެވެ.

ދިވެހިރާއްޖޭގައި ފަހުގެ ތާރީޚެއްގައި އެންމެ ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވާ ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފް އިމްރާންގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ، އެބޭފުޅާއަށް "ޤަބޫލުކުރެވޭ" ކަންތައް ތަކެއްގެ މައްޗަށް ބިނާކޮށެވެ.

އިމްރާން އާއި ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި އެއްވެސް ކަމެއް އެމަނިކުފާނުގެ މައްޗަށް ސާބިތުވެފައިނުވާކަން ފާހަގަކޮށްލެވެއެވެ.