ދުޅަހެޔޮ ޞިއްޙަތެއްގައި ތިމާ ދެމިހުރުމަށް އެދޭނަމަ، ހެނދުނުހެނދުނާ ކޮފީ ބުއިމުގެ އާދަ ދޫކޮށްލުމަށް ފަހު ފޮނިތޮށި ފެން ބުއިމަކީ ފަސޭހަކަމާއެކު ކުރެވިދާނެ ކަމެކެވެ. ފޮނިތޮށްޓަކީ ބަދިގޭގައި އާއްމުކޮށް ގެންގުޅޭ ބާވަތަކަށްވާއިރު، އަދި މިއީ ހަށިގަނޑަށް ގިނަގުނަ ފައިދާތައް ލިއްބައިދޭ އެއްޗަކަށްވާ އިރު މީގެ ފެންތަށްޓެއް ނުބޯންވީ އެއްވެސް ސަބަބެއް ނެތެވެ.
ކޮންމެ ބަދިގެއެއްގެ ތެރޭގައި ވެސް ފޮނިތޮށި ކުނޑި ވެސް ހުންނާ ނެއެވެ. ހޫނު ފެންތަށީގެ ތެރެއަށް ސައި ގިރާހެން ސައިފަތުގެ ބަދަލުގައި ފޮނިތޮށި ޕައުޑަރު ކުޅެއް އަޅައިގިރާލުމުން ފޮނިތޮށިފެންތަށްޓަކަށް ފުދޭނެއެވެ. އެހާވެސް ފަސޭހަ ކަމެކެވެ. އެހެންކަމުން
ދެން މި ބަލާލަނީ ފޮނިތޮށި ފެން ބުއިމުން ލިބިދޭ ފާއިދާތަކަށެވެ.
1. ލޭގައި ހުންނަ ހަކުރުގެ މިންވަރު ރެގިއުލޭޓް ކުރުން: ފޮނިތޮށީގައި އެންޓި-ބައޮޓިކް މާއްދާތަކާއި އެންޓި-އޮކްސިޑެންޓް އަދި އެންޓި އެންފްލެމޭޓަރީ މާއްދާތައް ހިމެނެއެވެ. މިއީ ހަށިގަނޑުގެ އާއްމު ޞިއްހަތު ދުޅަހެޔޮކަންމަތީގައި ބެހެއްޓުމަށް މުހިންމު މާއްދާތަކެކެވެ. އަދި މީގެ ސަބަބުން 'ބްލަޑް ޝުގަ' ނުވަތަ ލޭގައި ހުންނަ ހަކުރުގެ މިންވަރު ހަމަޖައްސައިދެ އެވެ.
2. ހަޖަމުވުމަށް ފަސޭހަކޮށް ދިނުން: ފޮނިތޮށިފެނަކީ ބަނޑު ހަރުވުމާއި ބަނޑުގައި އުފެދޭ ހަޖަމުގެ މައްސަލަތަކަށްވެސް ހައްލު ލިއްބައިދޭ ބުއިމެކެވެ. ފޮނިތޮށީގައި ހިމެނޭ އެންޓި އންފްލެމޭޓަރީ މާއްދާތަކާއި އެންޓި މައިކްރޯބިއަލް މާއްދާތަކަކީ ގޭހުގެ މައްސަލަތަކަށް ލުއިކަން ގެނުވައިދޭ އަދި ބަނޑުގައި ވައިހެދުމާއި ރަނގަޅަށް ހަޖަމުނުވުގެ މައްސަލަތައްށް ހައްލު ގެނުވައިދޭ މާއްދާތަކެކެވެ.
3. ބަރުދަން ލުއިކުރުމަށް އެހީތެރިވުން: ބަރުދަން ލުއިކޮށްލުމަށްވެސް މިބުއިމަކީ އެއްވަނައިގެ ބުއިމެކެވެ. ފޮނިތޮށްޓަކީ 'އިންސުލިން ރެސިސްޓެންސް' ނުވަތަ ހަށިގަނޑަށް ބޭނުންވާ ގުލްކޯސް ރަނގަޅަށް ހަށިގަނޑަށް ލިއްބައިނުދިނުމުގެ މައްސަލައަށް ހައްލު ލިބިގެންދާ ބާވަތެކެވެ. އެހެންކަމުން ފޮނިތޮށިފެން ބުއިމުން މިމައްސަލަ ހައްލުވުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ގުލްކޯޒް ލިބުމުން ބަނޑު ފުރިފައިވާކަމުގެ އިހުސާސްކުރެވި ހަށިގަނޑަށް ބޭނުންނުވާ މިންވަރަށް ކެއުމުން ދުރުހެލިވެވޭނެ އެވެ.
4. ކޮލެސްޓްރޯލް މިންވަރު ދަށްކޮށް ދިނުން: ފޮނިތޮށިފެން ޤަވައިދުން ބުއިމުން ކޮލެސްޓްރޯލް އުފައްދާ ޓްރައިގަލައިސެރައިޑް ދަށްކޮށްދީ އެލްޑީއެލް ކިޔާ ހަށިގަނޑަށް އިތުރުވުމުން ނާރުތައް ބްލޮކް ކުރާ ކޮލެސްޓްރޯލްގެ ބާވަތް މަދުކޮށްދެއެވެ.
ފޮނިތޮށިފެން ތައްޔާރު ކުރާނެ ގޮތް:
ތެއްޔަކަށް ޖޯޑެއްގެ ފެން އެޅުމަށް ފަހު އުދާށެވެ. އަދި ފެންގަނޑު ކެކެންދެން ބަހައްޓާށެވެ. އެއަށް ފަހު އާދައިގެ ވަރުގެ 2 ގަނޑު ފޮނިތޮށި ކޮޅު އަޅާފައި 10-5 މިނެޓު ވަންދެން ކައްކާށެވެ. އެއަށް ފަހު ފުރާނާލާށެވެ. ބޭނުމިއްޔާ މާމުއި ނުވަތަ ލުނބޯ ހުތް ފަދަ އެއްޗެއް އިތުރު ރަހަ ލައްވަން ބޭނުން ނަމަ އަޅާށެވެ.
ނަމަވެސް މިބުއިމަށް ހަކުރު ނާޅާށެވެ. ތައްޔާރުކުރި ފެން ފުޅިޔަކަށް އަޅައި ރައްކާކޮށްގެން 2 ދުވަސް ވަރަށް ގެންގުޅެވިދާނެ އެވެ.
މައުލޫމާތު: މަރިޔަމް ލަމްޙާ ރަޝީދު