Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

އުތުރު ދާއިރާ އަށް ގުރުނެގުން ބުދަ ދުވަހު

ހުސްވެފައިވާ އައްޑޫ ހިތަދޫ އިތުރު ދާއިރާގެ މަޖިލިސް ގޮނޑި އަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރަން ގުރުނެގުން އަންނަ ބުދަ ދުވަހު ބާއްވަން ނިންމައިފި އެވެ.

އަންނަ މަހުގެ 6 ގައި ބާއްވަން ހަމަޖެހިފައިވާ މި ބައި-އިލެކްޝަންގައި ވާދަ ކުރައްވަނީ ދެ ކެންޑިޑޭޓެކެވެ. އެއީ އެމްޑީޕީގެ ފަދާތުން ވާދަކުރައްވާ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އާއި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ އެ ދެ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރަން ގުރުލުން އޮންނާނީ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި އިންތިޚާބާ ބެހޭ މަރުކަޒުގައި ކަމަށެވެ.

ކޮމިޝަނުން ބުނީ ގުރުއަތަށް ކެންޑިޑޭޓަށް ހާޒިރުވެވެން ނެތް ނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ދާނެ މީހެއްގެ ފުރިހަމަ ނަމާއި، އެޑްރެހާއި އަދި އައިޑީ ކާޑު ނަންބަރު ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއަކާއި ދާ މީހެއްގެ އައިޑީ ކާޑުގެ އަސްލު ގެންދަން ޖެހޭނެ ކަމަށެވެ.

ކެންޑިޑޭޓް ނުވަތަ ބަދަލުގައި މީހަކު ހާޒިރު ނުވާ ނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ އީސީގެ ފަރާތުންނެވެ.

ހިތަދޫ އުތުރު ދާއިރާ އަށް އަލުން މެންބަރަކު ހޮވަން ބައި-އިލެކްޝަނަކަށް ދާން ޖެހުނީ ކުރިން މެންބަރަކަށް ހުންނެވި ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަށް ނިސްބަތްވާ މުހައްމަދު ސިނާނަށް ސާބިތު ދަރަނީގެ މައްސަލައެއްގައި ގޮނޑި ގެއްލިފައިވާ ކަމަށް މިދިޔަ މަހުގެ 12 ގައި ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.

އެ ގޮނޑި އަށް ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް މިދިޔަ މަހުގެ 25 ގައި ބޭއްވި ޕްރައިމަރީގައި ވާދަކޮށް، ސިނާނަށް ޓިކެޓް ވެސް ލިބުނެވެ. ނަމަވެސް ޕީއެންސީން ފަހުން ވަނީ ސިނާންގެ އަތުން ޓިކެޓް އަތުލައި، ޕްރައިމަރީގައި އޭނައާ ވާދަކޮށް ބަލިވި ސޮޑާ އަށް ޓިކެޓް ދީފަ އެވެ.

އޭނަ އަކީ މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މޫލެކެޑެ ދާއިރާހެ ކައުންސިލަރުގެ ދެވަނަ ދައުރަކަށް ޕީއެންސީގެ ޓިކެޓްގައި ދެވަނަ ވާދަ ވެސް ކުރައްވައި ނާކާމިޔާބާ ކުރިމަތިލާން ޖެހުނު މީހެކެވެ.

ސޯބެ އަށް އެމްޑީޕީގެ ޓިކެޓް ލިބުނީ ޕްރައިމަރީއަކާ ނުލަ އެވެ. އޭނަގެ ކެމްޕޭން ލޯންޗް ކުރުމުގެ ހަފުލާ މިރޭ އޮންނާނެ އެވެ.