Last Updated: June 26, 10:16
Friday, June 26, 2026
ޚަބަރު

މާލޭގެ މަގުތައް ޑިޒައިން ކުރަން މި މަހު ޗައިނާގެ ޓީމެއް

މާލޭގެ މަގުތަކުގެ ޑިޒައިންގެ މަސައްކަތަށް މި މަހުގެ ތެރޭގައި ޗައިނާގެ ޓީމެއް އަންނާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ލަސްވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިިމް (ކުޑޫ) ކުރެއްވި ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ކޮންމެ ގައުމަކުން ވެސް ހިލޭ އެހީ ދިނުމަށް ހާއްސަ އުސޫލުތަކާއި ގަވާއިދުތަކެއް ކަނޑައަޅާފައިވާ އިރު ޗައިނާއިން ވެސް މާލޭގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރަމުން އަންނަނީ އެ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

އެގޮތުން، އެ ގައުމުގެ ހިލޭ އެހީގައި ހިންގާ މަޝްރޫއުތަކުގައި ފީސިބިލިޓީ އާއި ސާވޭ އާއި ޑިޒައިނިން އަދި ކޮންސްޓްރަކްޝަންގެ ކަންކަން ވަކިން ޓެންޑަކޮށް، ޕްރޮކިޔޯކުރާ ކަމަށާއި މަސައްކަތް ލަސްވެގެން ދަނީ އޭގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.

"އެއްވެސް ހާލެއްގައި ޗައިނާ ސަރުކާރުން ވެސް އަދި ދިވެހި ސަރުކާރުން ވެސް މި މަޝްރޫޢު ލަސްކުރުމަށްޓަކައި ނުވަތަ މި މަޝްރޫޢު ކުރިއަށް ނުގެންދިއުމަށްޓަކައި އެއްވެސް ކަމެއް ނުކުރޭ،" މުއްތަލިބް ވިދާޅުވި އެވެ. "ކުރެވުނު ހުރިހާ މަސައްކަތެއް ކުރަމުން މި ދަނީ މި މަޝްރޫއު ކުރިއަށްގެންދިއުމަށްޓަކައި."

އެހެންވެ ޑިޒައިން މަސައްކަތްތަކަށް މި މަހުގެ ތެރޭގައި ތެރޭގައި ޗައިނާގެ ޓީމެއް ރާއްޖެ އަންނާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ މަސައްކަތް ނިމުމުން މަގު ހެދުމުގެ މަޝްރޫއުގެ ކޮންޓްރެކްޓަރު ހޮވުމަށް ޗައިނާ ސަރުކާރުން ޓެންޑަ ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.