Last Updated: June 29, 19:00
Monday, June 29, 2026
ޚަބަރު

އޭޑީއެޗްޑީގެ ބޭހެއް މަނާ ލިސްޓުން އުނި ކުރަނީ

އެޓެންޝަން ޑެފިސިޓް ހައިޕާ އެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ) ހުންނަ ކުދިންނަށް ދޭ ބޭހެއް ކަމަށްވާ 'މިތައިލްފެނިޑޭޓް'، މަނާ ޑްރަގު ލިސްޓުން އުނިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވައިފި އެވެ.

ނެޝަނަލް ޑްރަގު ކޮންޓްރޯލް ކައުންސިލުން ދިން ލަފައަކާ އެކު ކެބިނެޓާ މަޝްވަރާކޮށްގެން އެ މައްސަލައިގައި ގޮތެއް ނިންމުމަށްޓަކައި މަޖިލީހަށް ފޮނުއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން އެ މައްސަލަ ހުށަހެޅި އެވެ. އެގޮތުން ރައީސް މުއިއްޒު، މަޖިލީހުގެ ރައީސް އަބްދުރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވާ މަނާ ލިސްޓް އުނިކުރަން އެދިވަޑައިގަތް ގޮތުގައި ބޭސް
'މިތައިލްފެނިޑޭޓް' އަކީ އޭޑީއެޗުޑީ ހުންނަ ކުދިންނަށް ފަސްޓްލައިން ޓްރީޓްމަންޓަކަށް ބޭނުން ކުރާ ބޭހެކެވެ.

އެކަމަކު މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު 1 ގައި ލިސްޓުކޮށްފައިވާ މަނާ ޑްރަގުތަކުގެ ތެރޭގައި އެ ބޭސް ހިމެނޭކަން ފާހަގަކޮށް، ސިޓީގައި ރައީސް އެދިވަޑައިގެންފައިވަނީ، ކެބިނެޓުން ނިންމާފައިވާ ގޮތަށް މަނާ ޑްރަގު ލިސްޓުން އެ ބޭސް އުނިކޮށް ދިނުމަށް މަޖިލީހުން ރުހުން ދިނުމަށެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 4-3 ވަނަ މާއްދާގައިވާ ގޮތުން، އެ ގާނޫނުގެ ޖަދުވަލު 1 ގައި ހިމެނޭ މަނާ ޑްރަގު ލިސްޓަށް އުނިއިތުރެއް ގެނެވޭނީ، ނޭޝަނަލް ޑްރަގު ކައުސިލުން ދޭ ލަފައާ އެކު، ކެބިނެޓުން ގޮތެއް ނިންމުމަށް ފަހު، މަޖިލީހުގެ ރުހުމާ އެކު އެވެ.

އަދި އެގޮތަޑް މަޖިލީހަށް ހުށަހަޅާތާ ދެ ހަފުތާގެ ތެރޭގައި ރުހުން ދިނުމާ މެދު ގޮތެއް ނިންމަން ޖެހެ އެވެ.