ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗެއް އަވައްޓެތި ސްރީ ލަންކާގައި ހުޅުވާވުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހާރު އެ ގައުމަށް ކުރައްވަމުން އަންނަ ދަތުރގެ ތެރެއިން 7 އެމްއޯޔޫއެއްގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވީ، ރާއްޖޭގެ މާލީ ހިދުމަތްތައް ރާއްޖޭގެ ބޯޑަރު ހުރަސްކޮށް، ފުޅާކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން ދިވެހިން ގިނަ އަދަދަކަށް ދިރިވެސް އުޅެމުން އަންނަ ލަންކާގައި ގައުމީ ބޭންކްގެ ބްރާންޗެއް ހުޅުވުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނާ ލަންކާގެ ރައީސްއާ އެކީގައި ފައިދާހުރި މަޝްވަރާތަކެއް ކުރެއްވުނު ކަމަށާއި އެގޮތުން ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ދިފާއީ ދާއިރާ އާއި ތައުލީމީ ދާއިރާއާއި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ އާއި ފިޝަރީޒް ދާއިރާގެ އިތުރުން ތިމާވެށި އަދި އުމްރާނީ ތަރައްގީގެ ދާއިރާ އިން ރާއްޖެ އާއި ލަންކާއާ ދެމެދު ގުޅުން ބަދަހިކުރަން މަޝްވަރާ ކުރެވުނު ކަމަށެވެ.
އެހެންވެ އެ މަނިކުފާނު ވިދާޅުވީ ރާއްޖެ އާއި ލަންކާއާ ދެމެދު ވެވޭ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖެއަށް އެކަމުގެ ފައިދާ ވަރަށް ބޮޑަށްކޮށް، ދެ ގައުމުގެ ގުޅުން ވެސް އިތުރަށް ވަރުގަދަވާނެ ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ލަންކާއަކީ ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއްގެ އިތުރުން ޒަމާންވީ އެކުވެރިއެކެވެ. ދެ ގައުމުގެ ގުޅުމަށް މި އަހަރު 61 އަހަރު ފުރޭނެ އެވެ.