Last Updated: June 20, 13:31
Saturday, June 20, 2026
ޚަބަރު

އައްޑޫ އީދި ސަމާގެ ޕާޓްނަރުންނަށްވާން ހުޅުވާލައިފި

ބޮޑު އީދު ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން އައްޑޫގައި ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އައްޑޫ އީދި ސަމާގެ މި އަހަރުގެ ހަރަކާތްތަކުގައި ޕާޓްނަރުންނަށްވުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

އެގޮތުން އީދި ސަމާގެ ހަރަކާތްތަކުގެ ޓްރެވެލް ޕާޓްނަރު، މީޑިއާ ޕާޓްނަރު، ޓެލެކޮމް ޕާޓްނަރު، ޑިޖިޓަލް ޕާޓްނަރު، އެކަމޮޑޭޝަން ޕާޓްނަރު، ކޭޓަރިން ޕާޓްނަރ އަދި ބެވަރެޖް ޕާޓްނަރަށްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަން ޖެހެނީ މި މަހުގެ 10 ގެ ކުރިންނެވެ. ހުށަހަޅާނީ މި ލިންކް forms.gle/oE3eT7jnCxTFfcEh7 މެދުވެރިކޮށެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު ކައުންސިލްގެ ކައުންސިލް އެގްޒެކެޓިވް ޢާއިޝަތު ސުހާ 7617585 އަށް ގުޅައިގެން ހޯދޭނެ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ "އައްޑޫ އީދި ސަމާ 1447" ގެ ހަރަކާތްތައް ކުރިއަށް ގެންދާނީ ސިޓީ ކައުންސިލްގައި މިހާރު ހިމެނޭ ހަތަރު އަވަށުގައި ކަމަށެވެ. އެއީ ހިތަދު އާއި މަރަދު އާއި މަރަދޫފޭދޫގެ އިތުރުން ފޭދޫގަ އެވެ.

އައްޑޫގައި ބޮޑު އީދަށް ހާއްސަކޮށްގެން އައްޑޫ އީދި ސަމާ ބާއްވަމުން އަންނަނީ 2022 އިން ފެށިގެންނެވެ. އެގޮތުން މީގެ ތެރެއިން އަވަށްތަކުގައި ތަފާތު ވަރަށް ގިނަ ހަރަކާތްތައް ހިންގަ އެވެ. އޭގެ ތެރޭގައި ތަފާތު ކުޅިވަރު މުބާރާތްތައް ވެސް ހިމެނެ އެވެ.

މި އަހަރުގެ ބޮޑު އީދު ދުވަހަކީ މި މަހުގެ 27 އެވެ.