Last Updated: June 23, 11:50
Tuesday, June 23, 2026
ޚަބަރު

ޕެންޝަން އޮފީހަށް ސީއީއޯއެއް ހޯދަނީ

ޕެންޝަން އޮފީހަށް ސީއީއޯއެއް ހޯދަން މިއަދު އިއުލާންކޮށްފި އެވެ.

ފަސް އަހަރުގެ މުއްދަތަކަށް އެ މަގާމަށް މީހަކު ހޯދަން އިއުލާންކުރީ މި މަހުގެ 7 ގެ ކުރިން އެޕްލައި ކުރަން ޖެހޭ ގޮތަށެވެ.

ސީއީއޯގެ މަގާމުގެ ޝަރުތަކީ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މާސްޓާސް ޑިގްރީ ފެންވަރަށް ތަޢުލީމު ހާޞިލުކޮށްފައިވުމާއެކު، ސީނިއަ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 8 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ބެޗެލާސް ޑިގްރީ ފެންވަރަށް ތަޢުލީމު ހާޞިލުކޮށްފައިވުމާއެކު، ސީނިއަ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 10 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމެވެ.

ޕެންޝަން އޮފީހުން ބުނީ މަޤާމަށް ޝޯޓްލިސްޓް ކުރުމުގައި، ޕެންޝަން، ސޯޝަލް ސެކިއުރިޓީ، ފައިނޭންސް، އިންވެސްޓްމަންޓް، ޕަބްލިކް ޕޮލިސީ، ގަވަނަންސް ފަދަ ގުޅުންހުރި ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކާއި، އެފަދަ ދާއިރާއެއްގައި ސީނިއަ މެނޭޖްމަންޓް ލެވެލްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށެވެ.

މަގާމުގެ މުސާރަ ކަނޑައަޅާނީ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ދެ ފަރާތުން އެއްބަސްވާ ގޮތަކަށެވެ.

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ދަޢުވަތު ދޭނީ ޝަރުޠުތައް ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.