Last Updated: June 20, 13:31
Saturday, June 20, 2026
ޚަބަރު

އައިއޯޓީސީގެ އަހަރީ ބައްދަލުވުން ފަށައިފި

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގެ މި އަހަރުގެ އަހަރީ ބައްދަލުވުން ރާއްޖޭގައި މިއަދު ފަށައިފި އެވެ.

މިއީ މި ބައްދަލުވުން ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

މިއަދުން ފެށިގެން މި މަހުގެ 15 އަށް ބާސެލޯ ނަސަންދުރައިގައި ކުރިއަށްދާ އައިއޯޓީސީ ގެ 30ވަނަ އަހަރީ ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށް ވުރެ ގިނަ މަންދޫބުންނާއި، މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.

މި ސިލްސިލާ މަޝްވަރާތައް ފަށަފައިވަނީ ކޮމްޕްލަޔަންސް ކޮމިޓީގެ ބައްދަލުވުމުންނެވެ.

މިއީ އިންޑިއާ ކަނޑުގެ ސަރަހައްދާއި އެނޫންވެސް ސަރަހައްދުތަކުގެ މެންބަރު ގައުމުތަކާއި، އޮބްޒާވަރުން އަދި ކަމާގުޅުންހުރި އެކި ފަރާތްތައް ބައިވެރިވާ ފަންނީ އަދި ކޮމިޝަން ފެންވަރުގެ މަޝްވަރާތަކުގެ ފެށުމެވެ.

ކޮމްޕްލަޔަންސް ކޮމިޓީއަކީ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ހިމާޔަތްކުރުމާއި މެނޭޖްކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރެވޭ މިންވަރު ބެލުމުގައްޔާއި، މުރާޖައާކުރުމުގައާއި، ބަލަހައްޓައި ބެލެހެއްޓުމުގެ މޮނިޓަރިން ކޮންޓްރޯލް އަދި ސަވައިލަންސް ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، މި ސަރަހައްދުގެ ކަނޑުމަހުގެ މަސްވެރިކަމުގައި ދެފުށް ފެންނަ، ޒިންމާދާރު އުސޫލުތަކެއް ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާ ކޮމިޓީއެކެވެ.

އައިއޯޓީސީ އަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކާއި، އެއާ ގުޅުންހުރި ދިރުންތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި އުސޫލުތަކުގެ ދަށުން އެ ވަސީލަތްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ ސަރަޙައްދީ މަސްވެރިކަމުގެ އިދާރާ އެވެ.