Last Updated: June 18, 03:15
Wednesday, June 17, 2026
ޚަބަރު

މި ފެށުނީ ރާއްޖެ-ލަންކާ ގުޅުމުގެ އާ ބާބެއް: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހުގެ 3-6 އަށް ސްރީ ލަންކާ އަށް ކުރައްވާ ރަސްމީ ދަތުރުގެ ތެރެއިން އެ މަނިކުފާނަށް ރަސްމީކޮށް މަރުހަބާ ކިޔަން މެއި 4 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. އެ ރަސްމިއްޔާތުގައި ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކެ ބައިވެރިވެވަޑައިގަތް. ފޮޓޯ/ ރައީސް އޮފީސް

ރާއްޖެ އާއި ލަންކާގެ ގުޅުމުގެ އާ ބާބެއް މިއަދު ފެށިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެ ޤައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއާއެކު ކުރިއަށް ގެންދެވި މަޝްވަރާ ބައްދަލުކުރެއްވުމަށްފަހު ދެއްވި ބަޔާނުގައި ރައީސް ވިދާޅުވީ މި ދަތުރުފުޅަކީ ރާއްޖެއާއި ސްރީލަންކާގެ ގުޅުމުގެ އައު އަދި ހަލުވި ބާބެއްގެ ފެށުން ކަމަށެވެ. އަދި ދެ ޤައުމުގެ ބަދަހި ގުޅުން އިތުރަށް ފުޅާކުރުމަށާއި، ސަރަޙައްދީ އެއްބާރުލުން ކުރިއެރުވުމަށާއި، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ސުލްޙަވެރިކަމާއި، ހަމަޖެހުމާއި، ހުރިހާ ޤައުމަކަށް ލިބިގެންވާ ތަނަވަސްކަން ކުރިއެރުވުމުގައި ރާއްޖެއިން ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ލަންކާގެ ރައީސް ޑިސަނާޔަކެއާއެކު ކުރިއަށްގެންދެވި ރަސްމީ ވާހަކަފުޅުތަކަކީ ވަރަށް ކާމިޔާބު މަޝްވަރާތަކެއްކަން ފާހަގަކުރައްވައި، ދޭދޭ ގުޅުންތަކާއި، ސަރަޙައްދީ އަދި ދުނިޔޭގެ މަސްރަހުގެ މުހިންމު ކަންކަމާ ގުޅޭގޮތުން އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދެއްކެވިކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިއަދު ސޮއިކުރެވުނު ފަހުމުނާމާ ތަކާއި އެއްބަސްވުންތަކަށް އަލިއަޅުއްވާލައްވައި، އެމަނިކުފާނު ވިދާޅުވީ މިހާރު އެންމެ މުހިންމު އިސްކަމެއް ދެއްވާނީ މި ކަންކަން ތަންފީޛުކޮށް، ދެ ޤައުމުގެ ރައްޔިތުންނަށް އޭގެ ޙަޤީޤީ މަންފާ ހޯދައިދިނުމަށް ކަމަށެވެ.

ދެ ޤައުމުގެ މަޝްވަރާތަކުގެ މައިގަނޑު އަސާސަކީ އިޤްތިޞާދީ އެއްބާރުލުންކަން ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްޤީގައި ސްރީލަންކާގެ ރައްޔިތުން އަދާކުރާ މުހިންމު ދައުރާއި، ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ހިއްސާ، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. އަދި ވިޔަފާރިއާއި އިންވެސްޓްމަންޓް ފުޅާކުރުމަށާއި، އިންވެސްޓަރުންނަށް ފަހި މާޙައުލެއް ޤާއިމުކޮށް، ވިޔަފާރީގެ އައު ފުރުޞަތުތައް ހުޅުވައިދިނުމަށް ދެ ޤައުމުން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވި އެވެ.

ކުރިއަށް އޮތް 'މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް' ވެގެންދާނީ ދެ ޤައުމުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުން ގުޅުވައިދޭ މުހިންމު މަންސައަކަށްކަން ރައީސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ތަޢުލީމާއި ޒުވާނުން ބާރުވެރިކުރުވުމަކީ ޤައުމީ ފެންވަރުގައި އިސްކަންދޭ ކަންތައްތަކެއްކަން ފާހަގަކުރައްވައި، މުސްތަޤުބަލަށް ޒުވާނުން ތައްޔާރުކުރުމަށްޓަކައި މަތީ ތަޢުލީމާއި، ފަންނީ ތަމްރީނާއި، ހުނަރު ތަރައްޤީކުރުމުގެ ދާއިރާއިންނާއި، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުންތައް ވަރުގަދަކުރުމަށް ދެ ޤައުމުން އެއްބަސްވެފައިވާކަމަށް ވެސް ވިދާޅުވި އެވެ.