ރާއްޖޭގެ ފައިނޭންޝަލް ދާއިރާއަށް ހާއްސަކޮށްގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އިން ބައްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ މިއަހަރުގެ ޖުލައި މަހު ބޭއްވުމަށް ނިންމައިފި އެވެ.
މި އެކްސްޕޯ ކުރިއަށް ދާނީ ޖުލައި 2 އިން 4 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.
އެމްއެމްއޭއިން ބުނީ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އަކީ މާލީ ކަންކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށާއި މާލީ ހިދުމަތްދޭ ފަރާތްތަކާ އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ މައުލޫމާތު ލިބިގަތުމަށް މަގުފަހި ކުރުމުގެ ގޮތުން އެ އޮތޯރިޓީން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
މީގެ ކުރިން ދެފަހަރެއްގެ މަތިން އެމްއެމްއޭ އިން ފައިނޭންޝަލް އެކްސްޕޯ ކުރިއަށް ގެންދިޔަ އެވެ. އެއީ 2015 އަދި 2017ގަ އެވެ. މި އެކްސްޕޯތަކަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.
މި އަހަރުގެ އެކްސްޕޯގައި މާލީ އިދާރާތަކުން އާ ހިދުމަތްތަކާއި ޕްރޮގްރާމުތައް ތައާރަފްކުރުމަށް ރާވާފައިވާ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.