ޕީއެންއެފްގެ މުޒާހަރާތައް ރާވަނީ "ފިނޑިއެއް" ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ބަހުގެ ހޫނު ހަމަލާތަކެއް މިއަދު ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝުޖާއު ވިދާޅުވީ އަމިއްލަ ބައެއް މީޑިއާތަކުން އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފު ވާހަކަތައް ވެސް ބްރޯޑްކާސްޓްކުރާ ކަމަށާއި އެއީ ހިތާމަ ކުރާ ކަމެއް ކަމަށެވެ. އެގޮތުން ހެންވޭރުކޮޅުގައި ހަތަރު މީހުން އެއްވެގެން ކުރާ މުޒާހަރާއެއް ނިމެންދެން ޗެނަލް 13 ކިޔާ މީޑިއާއަކުން ލައިވްކުރާ ކަމަށާއި އެ މުޒާހަރާތަކުގައި ހުތުރު ބަސްތައް ބޭނުންކުރާތީ ކައިރި ގެތަކުގެ މީހުން އެކަމުގެ ޝަކުވާ ޕީއެންސީގެ އޮފީހަށް އަންނަ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"މި ދަންނަވާ މުޒާހަރާ ރާވަން އިނީ ވަރަށް ފިނޑި މީހެއް. އޭނާ މި އިންނަނީ ގޭގައި. ކޮށީގައި އިނދެގެން މި އަންގަނީ މިހެން ހަދާށޭ. މީނާއަކަށް ނޭނގޭ ދުނިޔެ މި ހިނގަނީ ކިހިނެއް ކަމެއް. މި ދަންނަވަނީ ރައީސް ޔާމީންގެ ވާހަކަ،" ޝުޖާއު ވިދާޅުވި އެވެ.
ޕީއެންއެފް އިން މުޒާހަރާ ކުރަނީ މަޖީދީ މަގު ކޮޅުގައި އާޓިފިޝަލް ބީޗު ކުރިމަތީގަ އެވެ. އެ މުޒާހަރާގެ ތެރެއިން މަގުމަތީގައި ބޭންދި ސޯފާއެއް ވެސް ކުޑަ ވަގުތުކޮޅަކަށް ފުލުހުން އެއް ރެޔަކު ގެންދިޔަ އެވެ.
ޕީއެންއެފް އިން ކުރިއަށްގެންދާ ސިލްސިލާ މަގުމަތީ ހަރަކާތްތަކުގެ ލައިވް ކަވަރޭޖު ހުއްޓާލުމަށް ޗެނަލް13 އަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އިން ދާދިފަހުން ވަނީ އަންގައިފަ އެވެ. އެގޮތަށް އެންގީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ.