މި އަހަރުގެ ޙައްޖު މިޝަންގެ މެންބަރުން ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.
ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ޙާޖީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާނީ ރާއްޖޭގެ ޙައްޖު މިޝަންއިންނެވެ.
ދިވެހި ޙާޖީންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާ މިނިސްޓްރީ އަދި ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް މި މިޝަންއިން ކުރަމުންދާނެ އެވެ. ޙައްޖު މޫސުމުގައި އިސްލާމިކް މިނިސްޓްރީން މައްކާގައި ޤާއިމުކުރާ ދިވެހި ޙައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިކަށް ހަމަޖައްސަވާފައިވަނީ ރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްޠިޠާޢު ޢައްބާސް އެވެ.
ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ޙައްޖާޖީންގެ އިންތިޒާމްތައް ރަސްމީ ގޮތެއްގައި ބެލެހެއްޓުމުގެ ގޮތުން އެކުލަވާލާ ޙައްޖު މިޝަންގައި އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނެ އެވެ. އޭގެ ތެރޭގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ބޭފުޅުންނާއި، ޙައްޖު ކޯޕަރޭޝަން ތަމްސީލް ކުރައްވާ ބޭފުޅުންނާއި، ދީނީ ޢިލްމުވެރިން އަދި ޕަބްލިކް ސާވިސް މީޑިއާއާއިގެ ބޭފުޅެއް މިޝަންގައި ހިމެނެ އެވެ.
ދިވެހި ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހު އެވެ.