Last Updated: June 21, 18:49
Sunday, June 21, 2026
ޚަބަރު

ކޯޓު މެދުވެރިކޮށް ކަންކަން ނިންމުމަކީ އެމްޑީޕީގެ ސިފައެއް ނޫން

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް - ފޮޓޯ: އެމްޑީޕީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބާ ގުޅޭގޮތުން އެ ޕާޓީން ނެރެފައިވާ އިންތިހާބުގެ ތާވަލު ބާތިލުކުރުމަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމުން، ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ފާޑު ވިދާޅުވެއްޖެ އެވެ.

މިއަދު އެމްޑީޕީގެ މައި ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ މިއީ އަސްލު އެމްޑީޕީގެ ސިފަތަކާއި ވަރަށް އިދިކީލި ކަމެއް ކަމަށާއި އެމްޑީޕީއަކީ އަބަދުވެސް ވޯޓުން އިންސާފުވެރިކަމާއެކު ކަންކަން ނިންމާ ޕާޓީއެއް ކަމަށެވެ. އަދި ޕާޓީގެ އެތެރޭގެ ކަންކަން ނިންމުމަށް ކޯޓުތަކަށް ދިއުމަކީ މަސްލަހަތު ނަގާލުން ކަމަށާއި ޕާޓީގެ ތެރެއިން ނިންމެން ހުރި ކަންކަން ވެސް ކޯޓު މެދުވެރިކޮށް ނިންމަން ވާދަވެރި ޓީމުން މަސައްކަތް ކުރާތީ އެކަމާ ހިތާމަކުރައްވާ ކަމަށްވެސް މީކާއިލް ވިދާޅުވި އެވެ.

މީކާއީލް ވަނީ އިންތިހާބު ކުރިއަށްދާންވާނީ ކުރިން ކަނޑައެޅިފައިވާ ޑެޑްލައިންތަކާއި އެއްގޮތަށް ޖޫން 12 ގައި ކަމަށެވެ.

"މެޗު ކުޅެން ފަށާފަ ގޯލް ޕޯސްޓް ބަދަލުކުރުމަކީ އަޅުގަނޑު ގަބޫލުކުރާ އުސޫލެއް ނޫން. 2013 ގައި އެމްޑީޕީގެ އާންމު މެންބަރުންވެސް ރާއްޖޭގައި އިންތިހާބެއް ތިން ފަހަރު މަތިން ބާތިލުކޮށް، އިންތިޚާބުގެ ގޯލް ޕޯސްޓާ ކުޅުނު ކުޅުމާ ދެކޮޅަށް އަޅުގަނޑުމެން މަގުމައްޗަށް ނިކުތީ ހަމަ މިސިފަތަކާ އުސޫލުތައް މި ޕާޓީގައި ނެގެހެއްޓުމުގެ ބޭނުމުގައި،" މީކާއީލް ވިދާޅުވި އެވެ.

ޗެއާޕާސަން ކަމަށް މީކާއިލްގެ އިތުރުން ދެން ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.