Last Updated: June 25, 18:03
Thursday, June 25, 2026
މުނިފޫހިފިލުވުން

ހަތަރު ވަނަ އިޑިއަޓަކަށް ވިކީ!

ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ކާމިޔާބު ފިލްމު '3 އިޑިއަޓްސް' ގެ ދެވަނަ ބައި '4 އިޑިއަޓްސް' ގެ ނަމުގައި ހަދަން ނިންމާފައިވާ އިރު، ފިލްމުގެ ހަތަރު ވަނަ އެކްޓަރަކަށް ވާނީ ވިކީ ކޯޝަލް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ މި ފިލްމު އަދި ސްކްރިޕްޓިން މަރުހަލާގައި އޮތް ނަމަވެސް ފިލްމަށް ވިކީ ގެންނަން ހިރާނީ އެކި ފަހަރު މަތިން އޭނައާ ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި 4 އިޑިއަޓްސް އަށް ސޮއިކުރާނެކަމުގެ ޔަގީންކަން ވެސް ވިކީ ދީފައިވާ ކަމަށް އެ ނޫހުން ބުންޏެވެ.

ފާހަގަކޮޮށްލަން ޖެހޭ ކަމަކީ ހިރާނީ ދެ ފިލްމެއްގައި ކުރިން ވެސް ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ އެކްޓަރު މަސައްކަތްކޮށްފައިވާ އެވެ. އެއީ ވިކީ ސަޕޯޓިން ރޯލުތަކަކުން ފެނުނު ޝާހްރުކް ޚާންގެ 2024 ގެ 'ޑަންކީ' އާއި ރަންބީރްގެ 2018 ގެ 'ސަންޖޫ' އެވެ.

ދެހާސް ނުވައެއްގައި ހިރާނީ ގެނެސްދިން '3 އިޑިއަޓްސް' ގެ ދެވަނަ ބައެއްގެ ވާހަކަ ދެކެވެމުން އަންނަތާ މިހާރު ވަރަށް ގިނަ ދުވަސްތަކެއްވެއްޖެ އެވެ. އެކަމަކު އަންނަ އަހަރުގެ މެދުތެރޭގައި '4 އިޑިއަޓްސް' ޝޫޓިން ޕަށަން ހިރާނީ އާއި އޭނަގެ ޓީމުން ރާވަމުން އަންނަ ކަމަށް ޕިންކްވިލާ އިން ބުންޏެވެ.

ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު 3 އިޑިއަޓްސްގެ މައިގަނޑު ތަރިންނަކީ އާމިރު ޚާނާއި އާރް މާދްވަންގެ އިތުރުން ޝަރްމަން ޖޯޝީ އެވެ. މި ތިން ތަރިންނާ އެކު '4 އިޑިއަޓްސް' ގެ މައިގަނޑު ކާސްޓްގައި ދެން ހިމެނޭނީ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާ ވިކީ އެވެ.

ވިދޫ ވިނޯދު ޗޯޕްޅާ ޕްރޮޑިއުސްކުރި 3 އިޑިއަޓްސް އަކީ އިންޑިއާގެ މަޝްހޫރު ލިޔުންތެރިޔާ ޗޭތަން ބަގަތުގެ 2004 ގެ ވާހަކަ 'ފައިވް ޕޮއިންޓް ސަމްވަން' އަށް ބިނާކޮށް ގެނެސްދިން ކޮމެޑީ ޑްރާމާއެކެވެ.