މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 800،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 813،503 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރީ 857،386 ޓޫރިސްޓުންނެވެ.
ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ތިން ގައުމަކީ ޗައިނާ (122،134 ޓޫރިސްޓުން)، ރަޝިއާ (104،174 ޓޫރިސްޓުން) އަދި އިނގިރޭސިވިލާތް (72،453 ޓޫރިސްޓުން) އެވެ.
ގަދަ 10 ގައި ދެން ހިމެނޭ ގައުމުތަކަކީ އިޓަލީ (65،583 ޓޫރިސްޓުން)، ޖަރުމަން (53،564 ޓޫރިސްޓުން)، އިންޑިއާ (38،203 ޓޫރިސްޓުން)، ފްރާންސް (26،379 ޓޫރިސްޓުން)، އެމެރިކާ (20،535 ޓޫރިސްޓުން)، ސްވިޓްޒަލޭންޑް (19،138 ޓޫރިސްޓުން) އަދި އޮސްޓްރިއާ 16،129 (ޓޫރިސްޓުން) އެވެ.
ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.