Last Updated: June 18, 18:19
Thursday, June 18, 2026
ޚަބަރު

ޖިންސީ ގޯނާކުރާ ވީޑިއޯއާއި ފޮޓޯ ވިއްކި މީހާ ދޫކޮށްލައިފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ކްރިޕްޓޯކަރަންސީ ބޭނުންކޮށްގެން ގަނެ ވިއްކާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާ ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ ތ. ވިލުފުށީ މޫނިމާގެ، އާދަމް އަދްލާން ލަތީފް (22އ) އެވެ.

އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ ފަސްވަނަ ދުވަހު އެވެ. ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި އޭނާ ވަނީ "ބައިނޭންސް" އެކްސްޗޭންޖްގެ ވޮލެޓެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ފޮޓޯއާއި ވީޑިއޯގެ ވިޔަފާރިކޮށްފަ އެވެ.

މި މައްސަލާގައި އޭނާ ބަންދުން ދޫކޮށްލުމަށް ކޯޓުން ކުރި އަމުރުގައި ބުނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް ބާރުދޭނެ އެކަށީގެންވާ ހެއްކާއި ގަރީނާ ފުލުހުންނަށް ހުށަހެޅިފައި ނުވާ ކަމަށެވެ. މީގެ އިތުރުން، އިންޓަޕޮލްގެ ފަރާތުން ލިބިފައިވާ ކަމަށް ބުނާ މައުލޫމާތުތައް ހިމެނޭ ރަސްމީ ލިޔުމެއް ޝަރީއަތަށް ހުށަހަޅާފައި ނުވާކަންވެސް ކޯޓުން ފާހަގަކުރިއެވެ.

އަދި މި މައްސަލާގައި ބަޔާން ދިން އެއްވެސް ފަރާތަކުން އޭނާއާ ދެކޮޅަށް އެއްވެސް ވާހަކައެއް ބުނެފައި ނުވާ ކަމަށްވެސް ކޯޓު އަމުރުގައިވެ އެވެ.

ކުރިމިނަލް ކޯޓުން އަދްލާން ދޫކޮށްލާފައިވަނީ ވަކި ޝަރުތުތަކެއްގެ މަތިންނެވެ. އޭގެ ތެރޭގައި އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމާއި، ކޯޓުގެ ހުއްދަނެތި ރަށުން ބޭރަށް ދިއުން މަނާކުރުން ހިމެނެ އެވެ.