ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި، ދިވެހި ރާއްޖެ ބަޔޮސްފިއަ ރިޒަވަކަށް ހެދުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަޖީ އިން އެކުލަވާލާފައިވާ ޢަމަލީ މަޝްރޫޢު ތަންފީޒު ކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.
މި ގޮތަށް ނިންމީ މި މަޝްރޫޢު ތަންފީޒު ކުރެއްވުމާ ގުޅޭގޮތުން އެ މިނިސްޓްރީއިން އެކުލަވައިލައްވާފައިވާ ކަރުދާހެއްގެ މައްޗަށް މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ.
މިފަދަ މަޝްރޫޢެއް މި އެކުލަވައިލެއްވީ، މިދިޔަ އަހަރުގެ ޖޫންމަހު ބްރެޒިލްގެ ރިއޯޑި ޖެނީރޯގައި ބޭއްވުނު ރިއޯ ސަމިޓްގައި، ރައީސް ޑރ. މުޙަންމަދު ވަޙީދު ދެއްކެވި ވާހަކަފުޅުގައި، 2017 ވަނަ އަހަރުގެ ނިޔަލަށް ދިވެހި ރާއްޖެ، ދުނިޔޭގެ ފެންވަރުގެ ބަޔޮސްފިއަ ރިޒަވަކަށް ހެއްދެވުމަށް ނިންމަވައި، އެކަން ވަނީ އިޢުލާނު ކުރައްވާފަ އެވެ.
އަދި މި މަސައްކަތް ރަސްމީ ގޮތުން ކުރެއްވުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަޖީ އާ ރައީސް ވަނީ ޙަވާލު ކުރައްވާފަ އެވެ.
ބ. އަތޮޅު މިހާރު ވަނީ ޔުނެސްކޯގެ ބަޔޮސްފިއަ ރިޒަވަކަށް ހައްދަވާފައެވެ. އަދި ބ. އަތޮޅުގައި މި ހިންގުނު މަޝްރޫޢުގެ ނަތީޖާ އަށް ބައްލަވައިގެން އަދި އެ ތަޖްރިބާގެ އަލީގައި ރާއްޖޭގެ އެހެން އަތޮޅުތައްވެސް ބަޔޮސްފިއަ ރިޒަވަކަށް ހެއްދެވުމަށް ކުރައްވަން ޖެހޭ މަސައްކަތްތައް ކުރެއްވުމަށް ވެސް މިއަދުގެ ޖަލްސާ އިން ނިންމެވިއެވެ.
ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުގެ ތެރެއިން ބ. އަތޮޅުގައި ޤާއިމް ކުރެވިފައިވާފަދަ ބަޔޮސް ރިޒަރވް ފަންޑެއް، އެހެން އަތޮޅުތަކަށް ވެސް ހުޅުވި، އޭގެ ސަބަބުން އެއަތޮޅުތަކުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކަންތައްތަކަށް އެއިން ހޭދަކުރެވި، ޢާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވުމުގެ މަގު ތަނަވަސްކޮށް ދެއްވުމަކީ ވެސް މި މަޝްރޫޢުގެ ތެރެއިން ޚާއްޞަ ސަމާލު ކަމެއް ދެއްވާ ވަރަށް މުހިންމު ކަމެއްކަން މަޖިލީހުގެ މެންބަރުން ފާހަގަކުރެއްވި އެވެ.
އަދި އެ މަޝްރޫޢުގެ ސަބަބުން ބ. އަތޮޅަށް ޒިޔާރަތް ކުރަމުންދާ ފަތުރުވެރިންގެ ޢަދަދާއި، އެކިއެކި ރިސަރޗް ހެދުމަށް ޒިޔާރަތްކުރާ މީހުންގެ ޢަދަދާއި، ތިމާވެށްޓަށް ލޯބިކުރާ މީހުންގެ ޢަދަދު އިތުރުވަމުން ދާކަމާއި، އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރި ކަމަށް އިތުރު ތަރައްޤީ ލިބެމުން އަންނަކަން ވެސް މެންބަރުން ފާހަގަ ކުރެއްވި އެވެ.
ބަޔޮސްފިއަ ރިޒަވަކީ އެތަނެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ރޭވިގެން، ތަރައްޤީގެ މަޝްރޫޢުތައް ހިނގާ އަދި ދިރޭ ތަކެތީގެ ނަސްލާއި، އެތަކެތީގެ މާޙައުލު ޙިމާޔަތް ކުރެވި، އިޤްތިޞާދީ ގޮތުން ކުރެވޭ މަސައްކަތްތަކަކީ ވެސް ދެމެހެއްޓެނިވި އަދި ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކުރެވޭ ކަންތައްތަކެއްކަން ޔަޤީންވެފައިވާ، އިޤްތިޞާދީ އަދި އިޖްތިމާޢީ ދުޅަހެޔޮ ކަމަށް ބާރުއަޅާ ނިޒާމެކެވެ.