Last Updated: June 25, 06:05
Thursday, June 25, 2026
ޚަބަރު

ޕީއެންއެފަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީސީން ދީފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ސިލްސިލާ އެއްވުންތަކުގައި ގާނޫނާ ޚިލާފުވާ ކަމަށް ބުނެ، އެކަން ތަކުރާރުކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަން (އީސީ)ން ދީފި އެވެ.

އީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ ޕާޓީއެއްގެ މެންބަރުން ނުވަތަ އެޕާޓީއަކަށް ތާއިދުކުރާ ބަޔަކު އެހެން ޕާޓީއަކުން ހިންގަމުންގެންދާ ބައްދަލުވުމަކަށް ހުރަސްއެޅޭފަދަ ޢަމަލެއް ކުރުމާއި އެއް ޕާޓީއަކުން ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި، އެއް ވަގުތަކާ ދިމާކޮށް، އެހެން ޕާޓީއަކުން ބައްދަލުވުމެއް ބާއްވަން މަސައްކަތްކުރުމަކީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (އ) އާއި (މ) ގައި ބަޔާންކުރާ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލުތަކެއް ކަމަށެވެ.

ޕީއެންއެފް އިން ސިލްސިލާކޮށް ބާއްވާ އެއްވުންތަކާއި ހިންގާ ޙަރަކާތްތަކުން ޤާނޫނާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ކުރަމުންދާކަމަށް ކޮމިޝަނަށް މަޢުލޫމާތު ލިބިފައިވާތީ، މިފަދަ ޢަމަލުތައް ނުހިންގުމަށް ނަސޭޙަތްތެރިވެ، އެކަން އެޕާޓީއަށް އަންގާފައިވާނެ ކަމަށް އީސީން ބުނެ އެވެ. އަދި މިކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮމިޝަނަށް ޙާޟިރުވުމަށް ދަޢުވަތު ދީފައިވީނަމަވެސް، ކޮމިޝަނަށް ޙާޟިރުވުމަށް ޕީއެންއެފް އިން އުޒުރުވެރިވެފައިވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.

"ވީމާ، އިސްވެ ބަޔާންކުރެވުނު ޢަމަލުތައް ތަކުރާރުވާނަމަ ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު މި ކޮމިޝަނުން އަޅާނެ ވާހަކަ ދަންނަވަމެވެ،" އީސީން ބުނެ އެވެ.