Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

ސޯބެ މެމްބަރަކަށް ވުމަކީ ރާއްޖެއަށް މުހިއްމު ކަމެއް

އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމަކީ މުޅި ރާއްޖެއަށް ވެސް މުހިއްމު ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ސޯބެގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ދެއްވި ވީޑިއޯ މެސެޖުގައި ނަޝީދު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ ވަރަށް ގިނަ މަހުފޫމްތަކަކީ ސޯބެގެ ހިޔާލާއި ބައިވެރިވުމާއެކު ގާނޫނު އަސާސީއަށް ތައާރަފް ކުރެވުނު ކަންކަން ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ސޯބެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމަކީ އައްޑޫއަށް އެކަނި މުހިއްމު ކަމެއް ނޫން. މުޅި ދިވެހިރާއްޖެއަށް ވެސް މުހިއްމު ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

އައްޑޫ އަކީ ރާއްޖޭގެ ތަނަވަސްކަމަށް އޮތް އެންމެ ބޮޑު ވަސީލަތް ކަމަށާއި އެ ވަސީލަތް ފުރިހަމަ ގޮތުގައި ހިފުމަށް ސޯބެ ރައްޔިތުންގެ މަޖިލީހުގައި އިންނެވުމަކީ ބޭނުންތެރި ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި މިއަދު އައްޑޫގެ އަޑު ކެނޑިފައިވާ ކަމަށާއި ސޯބެއަކީ ތައުލީމީ، ތަޖުރިބާ ހުރި ބޭފުޅެއް ކަމަށްވާއިރު، މި ގޮނޑި ސޯބެ ކާމިޔާބު ކުރުމަކީ އައްޑޫ އާއި މުޅި ރާއްޖެއަށް ވެސް ފައިދާކުރާނެ ކަމެއް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"ސޯބެއަކީ މާ ހަރުއަޑުއަން ވާހަކަ ނުދެއްކި ނަމަވެސް އެބޭފުޅާ ވިދާޅުވާ ކޮންމެ ބަހެއްގައި ވަރަށް އޮއްޓަރު ހުންނަ ގޮތަށް ވާހަކަދައްކަވާ ބޭފުޅެއް،" ނަޝީދު ވިދާޅުވި އެވެ.

އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ސޯބެއާ ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓް ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އެވެ.