Last Updated: July 24, 20:27
Friday, July 24, 2026
ކުޅިވަރު

ފަހު ވަގުތު ސިޓީއަށް ޕޮއިންޓެއް

ފަހަތުން އަރައި ދެ ގޯލް ޖަހައި މެންޗެސްޓާ ސިޓީން ރޭ ޕްރިމިއާ ލީގުގައި އެވަޓަންއާ 3-3 އިން އެއްވަރުކޮށްފި އެވެ.

މި ނަތީޖާއާއެކު ލީގު ހޯދުމުގެ އަމިއްލަ ބާރު ސިޓީއަށް މިހާރު ވަނީ ގެއްލިފަ އެވެ. އެގޮތުން ލީގުގެ އެއްވަނައިގައި ސިޓީއަށް ވުރެ އެއް މެޗު އިތުރަށް ކުޅެ، 35 މެޗުން 76 ޕޮއިންޓު ހޯދައިގެން އޮތީ އާސެނަލް އެވެ. ދެވަނައިގައި ސިޓީ އޮތީ 34 މެޗުން ލިބުނު 71 ޕޮއިންޓާއެކު އެވެ.

ލީގުގައި އާސެނަލަށް ދެން ބާކީ އޮތީ ތިން މެޗު ކަމަށްވާއިރު، އެ ތިން މެޗުން މޮޅުވެއްޖެ ނަމަ އެޓީމަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. އެ ތިން މެޗުގައި އާސެނަލް ބައްދަލުކުރާނީ ވެސްޓްހަމް ޔުނައިޓެޑް، ބާންލީ އަދި ކްރިސްޓަލް ޕެލެސްއާ އެވެ.

އެވަޓަންގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޖެރެމީ ޑޮކޫ ވަނީ ސިޓީއަށް ލީޑު ނަގައިދީފަ އެވެ. މިއީ އެވަޓަންގެ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން ޑޮކޫ ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ 68 ވަނަ މިނެޓްގައި އެވަޓަންގެ ތިއެނޯ ބެރީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދިންއިރު، މިއީ ސިޓީގެ ޑިފެންޑަރު މާކް ގޭހީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ކާމިޔާބުކުރި ގޯލެކެވެ. އަދި އޭގެ ފަސް މިނެޓް ފަހުން ޖޭކް އޮބްރެއިން އެވަޓަނަށް ލީޑު ނަގައިދިންއިރު، އެވަޓަން އިން އުފެއްދި ކައުންޓަ އެޓޭކެއްގައި މެޗުގެ 81 ވަނަ މިނެޓްގައި ބެރީ ވަނީ އެވަޓަންގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ސިޓީގެ ދެވަނަ ގޯލު މެޗުގެ 83 ވަނަ މިނެޓްގައި އާލިން ހާލަންޑް ކާމިޔާބުކޮށްދިންއިރު، އެޓީމަށް މި މެޗުން ޕޮއިންޓެއް ހޯދައިދިން ގޯލު އިތުރު ވަގުތުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ޑޮކޫ އެވެ. މިއީ އެވަޓަންގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން ޑޮކޫ ކާމިޔާބުކުރި ގޯލެކެވެ.

ލީގުގައި އަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި ސިޓީ ބައްދަލުކުރާނީ ބްރެންޓްފޯޑްއާ އެވެ.