Last Updated: June 21, 17:01
Sunday, June 21, 2026
ދުނިޔެ

ތިއޮޑޯ ހާޒެލްގެ ޑައިރީ!

މީހަކު 1897 ގައި އޭނާގެ ޑައިރީގައި ލިޔުނެވެ. "މިއަދު އަހުރެން ޔަހޫދީ ދައުލަތުގެ ބިންގާ އަޅައިފީމެވެ." ދުނިޔޭގެ އެއްވެސް މީހަކަށް އެކަމެއް ނޭނގެއެވެ. ފަންސާސް އެއް އަހަރު ފަހުން އެކަން ޙަޤީޤަތަކަށް ވިއެވެ. ތިއޮޑޯރ ހަރޒެލްއަކީ އޮސްޓްރިޔާގެ ޖަރނަލިސްޓެކެވެ. އޭނާއަކީ ސިފައިންގެ މީހެއް ނޫނެވެ. އޭނާއަކީ ރަސްކަލެއް، ރައީސެއްވެސް ނުމެ ނޫން މެއެވެ. އަދި، މާބާރުގަދަ މީހެއްވެސް ނޫނެވެ. އޭނާގެ އަތުގައި އޮތީ ހަމައެކަނި ޤަލަމެކެވެ.

ސްވިޒަރލޭންޑުގެ ބޭޒަލްގައި 1897 ގައި ސަހުޔޫނީ ފުރަތަމަ ކޮންގްރެސް ބޭއްވިއެވެ. ދުއިސައްތަ އަށް ވުރެ ގިނަ ޔަހޫދީން، އެ ކޮންގްރެސްގައި ބައިވެރިވިއެވެ. އެ ރޭ ތިއޮޑޯ ހާޒެލް އޭނާގެ ޑައިރީގައި ލިޔުނެވެ. "ބޭޒަލްގައި އަހުރެން ޔަހޫދީ ދައުލަތެއް ޤާއިމުކޮށްފީމެވެ." މި ވާހަކަ، އެދުވަހު ދެއްކިނަމަ، އެންމެން އަހުރެންނަށް މަލާމާތްކޮށް ހޭނެއެވެ. ފަސްއަހަރު ފަހުން ފަހަރެއްގައި ބަޔަކު އެވާހަކަ ޤަބޫލުކޮށްފާނެއެވެ. ހަމަޔަޤީނުންވެސް 50 އަހަރު ފަހުން އެވާހަކަ ޤަބޫލުކުރާނެއެވެ.

އޭގެ ބަރާބަރު 51 އަހަރު ފަހުން 1948 ގައި ސަޙުޔޫނީ ދައުލަތް ވުޖޫދަށް ގެނެވުނެވެ. ޙަޤީޤަތުގައި ވުޖޫދަށް ގެނެވުނީއެއް ނޫނެވެ. ފަލަސްޠީނުގެ ބިންތައް ފޭރިގަނެގެން، ގަދަކަމުން ދައުލަތެއް ޤާއިމު ކުރީއެވެ. އޭނާގެ ޑައިރީގައި އަދި އެހެން ވާހަކަތަކެއްވެސް ލިޔެފައިވެއެވެ. އެކަމަކު، އެއްވެސް މީހަކު އެވާހަކަތަކެއް ނުދައްކަ އެވެ.

އޭނާ ލިޔެފައިވެއެވެ. އަހުރެމެން ފަލަސްޠީނުގެ ބިންތައް ފޭރިގަތުމަށް ފަހު، އެތަނުގައި ތިބި ފަޤީރު ޢާބާދީގެ ތެރޭގައި ހިމެނޭ ޢަރަބިންނާއި، އެހެނިހެން މީހުން މަޑުމަޑުން ސަރަޙައްދީ ރޮނގުން ބޭރުކުރާނީއެވެ. މިއީ 1897 ގެ ވާހަކައެވެ. އުސްމާނީ ޚިލާފަތުގެ ބޯހިމެނުމުގެ ހިސާބުތަކުން ދައްކާގޮތުގައި، އޭރުގެ ފަލަސްޠީނުގެ އާބާދީގެ 94 އިންސައްތައަކީ ޢަރަބިންނެވެ. އެކަމަކު، ޢަރަބިން ފަލަަސްޠީނުގެ ބިންތަކުން ބޭރުކުރުން ފިޔަވައި، ހަރޒެލްގެ ޕްލޭނުގައި އެފަދަ އެހެން އެއްވެސް ވާހަކައެއް ނެތެވެ.

ތިއޮޑޯ ހާޒެލްގެ އެންމެ މަޝްހޫރު ފޮތަކީ 1896 ގައި އޭނާ ލިޔުނު "ދެއާ ޖޫޑެންޝްތާތު"، އާދެ "ޔަހޫދީ ދައުލަތް" އެ ފޮތެވެ. އެ ފޮތުގައި، އޭނާ ލިޔެފައިވާ ގޮތުގައި، އެ ޕްރޮޖެކްޓަކީ، ހަމައެކަނި ޔަހޫދީންނަށްޓަކާ ހިންގޭ ޕްރޮޖެކްޓެއް ނޫނެވެ. އެއީ މުޅި ހުޅަނގުގެ ހުރިހާ ރައްޔިތުންނަށްޓަކާ ހިންގޭ ޕްރޮޖެކްޓެކެވެ. އެ ޙަޟާރަތުގެ އައުޓްޕޯސްޓަކީ ބަރުބަރިއްޔަތާއި، ނާތަހުޒީބާއި ދެކޮޅަށް ޤާއިމުކުރެވޭ އައުޓްޕޯސްޓެކެވެ. އެބުނާ ބަރުބަރިއްޔަތާއި، ނާތަހުޒީބު މީހުންނަކީ ކޮންބައެއް ހެއްޔެވެ؟ އެއީ އަންޒަމާނުއްސުރެ، ފަލަސްޠީނުގައި ދިރިއުޅެމުން އައި، ކަންޢާނީ ދަރިފަސްކޮޅުގެ ޢަރަބިންނެވެ. މިއީ ހަރޒެލް ލިޔެ ޝާއިޢުކޮށްފައިވާ އޭނާގެ ފޮތުގައި ހުރި ޢިބާރާތްތަކެވެ.

މެއި 14، 1948 ގައި، ޑޭވިޑް ބެންގޫރިއަން އިޒުރޭލުގެ ދައުލަތް އިޢުލާން ކުރިއެވެ. އަދި 24 ގަޑިއިރުގެ ތެރޭގައި، އެމެރިކާއިން އިޒުރޭލުގެ ދައުލަތް ޤަބޫލުކުރިއެވެ. އެވަގުތު ފަލަސްޠީނުގެ 7.5 ލައްކައަށް ވުރެ ގިނަ ޢަރަބިންނަށް، އެމީހުންގެ ގޯތިގެދޮރުން ނުކުންނަން މަޖުބޫރުކުރިއެވެ. ޢަރަބިން އެ ޙާދިސާއަށް "ނަކުބާ" އޭ ކިޔައެވެ. މާނައަކީ ކާރިސާ ނުވަތަ މުޞީބާތެވެ.

އެކުވެރި ދައުލަތްތަކުގެ މުނައްޒަމާގެ ލިޔެކިއުންތަކުގައި އެވާހަކަ ވަނީ ލިޔެވިފައެވެ. ތިއޮޑޯ ހަރޒެލްގެ ޑައިރީގައި އޭނާ ލިޔެފައިވާ ވާހަކަތައް ޙަޤީޤަތަކަށް ވިއެވެ. އެކަމަކު، އޭގެ އަގު ދެއްކީ މުޅިން އެހެން ބައެކެވެ. މެއި 4، 2026 ގައި ޣައްޒާއަށް ބަލައިލަ ބަލާށެވެ. ތިއޮޑޯ ހާޒެލް 1896 ގައި ލިޔުނު ލިޔުމާ އެއްގޮތަށް، ފަލަސްޠީނުގެ އާބާދީ އެދަނީ ގަދަކަމުން ފަލަސްޠީނުން ބޭރުކުރަމުންނެވެ. އަދި ފަލަސްޠީނުގެ ބިންތައް އެދަނީ ހިފަމުންނެވެ. އަދި ދުނިޔެއަށް ބުނެދެނީ އެއީ އިޒުރޭލުގެ ދިފާޢުގައި ކުރާ ކަމެއް ކަމަށެވެ. ހިއުމަންރައިޓްސް ވޮޗާއި، އެމްނެސްޓީ އިންޓަރނޭޝަނަލްއާއި، އަދި އެކުވެރި ދައުލަތްތަކުގެ މުނައްޒަމާގެ ޚާއްޞަ ރެޕަޓުއާ ވަނީ އިޒުރޭލުން މިހިންގާ އަނިޔާވެރި ޢަމަލުތަކުގެ ވާހަކަތައް ލިޔުންތަކަށް ތިރިކޮށްފައެވެ. އެއީ އައުކަމެއް ނޫނެވެ. އެއީ، މީގެ 127 އަހަރު ކުރީން ލިޔެފައިވާ ޕްލޭނެއް ތަންފީޒު ކުރަނީއެވެ.

އިޒުރޭލު ވުޖޫދުވުމުގެ މާކުރިން، 1904 އަހަރު ތިއޮޑޯރ ހަރޒެލް މަރުވެއްޖެއެވެ. އެކަމަކު، އޭނާގެ ޑައިރީ މިއަދު ވެސް ސެންޓުރަލް ޖެރޫސެލަމްގެ އާކައިވުގައި އެބައޮތެވެ. އެ ޑައިރީގައި އޭނާ ލިޔެފައިވާ ގޮތަށް ފަހަރަކު ކަމެއް އެދަނީ ތަންފީޒު ކުރަމުންނެވެ. ސުވާލަކީ ދެން އޮތީ އެ ޑައިރީގެ ކޮން ޗެޕްޓަރެއް ހެއްޔެވެ؟ އެ ޑައިރީ މިއަދުވެސް އެދަނީ ލިޔެ އަދާހަމަ ކުރަމުންނެވެ. ހަމައެކަނި ބަދަލުވީ ޤަލަމެވެ.

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.