Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

"ކްލީން އެންޑް ހެލްތީ އޯޝަން" ލޯންޗްކޮށްފި

"ކްލީން އެންޑް ހެލްތީ އޯޝަން މޯލްޑިވްސް" މަޝްރޫއު އިފުތިތާހުކޮށްފި އެވެ.

ރާއްޖޭގެ ކަނޑުފަޅުތަކުގެ ސާފުތާހިރުކަމާއި ދިރުންތައް ރައްކާތެރި ކުރުމަށް އަމާޒުކޮށްގެން ހިންގާ މި މަޝްރޫއު އިއްޔެ ރަސްމީކޮށް އިފްތިތާޙުކޮށް ދެއްވީ ތިމާވެއްޓާ ބެހޭ މިނިސްޓަރު ޑރ. އަލީ ޝަރީފެވެ.

ގައުމީ ޔުނިވަސިޓީ އާ ގުޅިގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް) ގެ 4.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި، 49 މިލިއަން ޑޮލަރަށް ވުރެ ގިނަ އިން-ކައިންޑް ކޮންޓްރިބިއުޝަނާއެކު ކުރިއަށް ގެންދާ މުހިންމު މަޝްރޫއެކެވެ.

މި މަޝްރޫއަކީ ދުނިޔޭގެ ފެންވަރުގައި ހިންގާ 109 މިލިއަން ޑޮލަރުގެ "ޖީ.އީ.އެފް-8 ކްލީން އެންޑް ހެލްތީ އޯޝަން އިންޓަގްރޭޓެޑް ޕްރޮގްރާމް" ގެ ދަށުން ހޮވާލެވުނު 13 ގައުމީ މަޝްރޫއުގެ ތެރެއިން އެކައްޗެވެ. މި ބައިނަލްއަގުވާމީ ޕްރޮގްރާމަކީ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފް.އޭ.އޯ) އިސްވެ އޮވެ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި އެހެނިހެން ބައިނަލްއަގުވާމީ ބޭންކުތަކާ ގުޅިގެން ހިންގާ މަސައްކަތެކެވެ.

މީގެ މައިގަނޑު އަމާޒަކީ ކަނޑުތަކުގައި އޮކްސިޖަން މަދުވުމުގެ މައްސަލައަށް ހައްލެއް ހޯދުމާއި، އެއްގަމުން ކަނޑަށް ބޭރުވާ ނައިޓްރޯޖަން އާއި ފޮސްފަރަަސް ފަދަ ކަނޑު ތަޣައްޔަރުކުރާ މާއްދާތައް މަދުކުރުމެވެ.

އެގޮތުން ދަނޑުވެރިކަމާއި، ސިނާއީ މަސައްކަތްތަކުންނާއި، ރަށްރަށުގެ ނަޖިސް ބޭރުކުރާ ނިޒާމުތަކުން ކަނޑަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް "ސޯސް-ޓޫ-ސީ" ނުވަތަ ފެށޭ ތަނުން ފެށިގެން ކަނޑާ ހަމައަށް ހުރި މައްސަލަތައް ހައްލުކުރުމުގެ އުސޫލުތައް ގެންގުޅެވޭނެއެވެ.

މި މަޝްރޫއުގެ ދަށުން ރާވާ ކަންކަމުގެ ތެރޭގައި:

* ގައުމީ ފެންވަރުގައި "ނޭޝަނަލް ނައިޓްރޯޖަން އެކްޝަން ޕްލޭން" އެއް އެކުލަވާލުން
* ނަޖިސް ރީސައިކަލްކޮށްގެން ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާ އުފައްދާ ނިޒާމެއް ގާއިމުކުރުން
* "ނައިޓްރޯ ފައިނޭންސް" މެދުވެރިކޮށް އަމިއްލަ ދާއިރާ އާއި އާންމު ރައްޔިތުން ގުޅިގެން ތިމާވެށީގެ މަސައްކަތްތަކަށް ފައިސާ ހޯދޭނެ މަގު ފަހިކުރުން
* ކަނޑުގެ ދިރުންތަކަށް ކުރާ އަސަރު ދެނެގަތުމަށް ބޭނުންވާ ތަމްރީނާއި ވަސީލަތްތައް ގާއިމުކުރުން

ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަޝްރޫއު ތަންފީޒު ކުރަނީ ޔޫއެންއީޕީންނެވެ. އަދި މި މަސައްކަތް އަމަ ލީގޮތުން ހިންގަނީ ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އާއި އިނގިރޭސިވިލާތުގެ ސެންޓަ ފޯ އިކޮލޮޖީ އެންޑް ހައިޑްރޮލޮޖީ ގުޅިގެންނެވެ.