Last Updated: June 20, 13:20
Saturday, June 20, 2026
މުނިފޫހިފިލުވުން

ވިޖޭގެ އާ ރޯލަކީ ޗީފް މިނިސްޓަރުކަން!

އިންޑިއާގެ ދެކުނުގެ މަޝްހޫރު ފިލްމީ ތަރި، ވިޖޭ ސިޔާސީ ބޮޑު މަގާމަކާ ކައިރިކޮށްފިި އެވެ.

އިއްޔެ ބޭއްވި ޓަމިލް ނާޑޫ ސްޓޭތް އެސެމްބްލީ އިންތިހާބުގައި އޭނަގެ ޕާޓީ ޓަމިލަގަ ވެއްޓްރީ ކަޒަގަމް ޓީވީކޭ) އިން ވަނީ ތާރީހީ ބޮޑު ކާމިޔާބީއެއް ހޯދައިފަ އެވެ. އަދި ވަރަށް ޅަފަތުގައި އޮތް އެ ޕާޓީން ވަނީ އިންތިހާބުގައި ސްޓޭޓް އެސެމްބްލީގެ 234 ގޮނޑީގެ ތެރެއިން 108 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

މިއީ މި އިންތިހާބުގައި ވާދަކުރި ޕާޓީތަކުގެ ތެރެއިން އެއް ޕާޓީއަކަށް އެންމެ ގިނަ އަދަދަކަށް ގޮނޑި ލިބުނު ޕާޓީ އެވެ. މި ނަތީޖާއާ އެކު ޓީވީކޭ އަކީ ސިޔާސީ ގޮތުން ކުރިމަގު ވަރަށް އުޖާލާ ޕާޓީއެއްކަން އިއްޔެގެ އިންތިހާބުން ވަނީ ސާބިތުކޮށް ދީފަ އެވެ. އެ ޕާޓީގެ ރައީސަކީ ވިޖޭ އެވެ.

އިންތިހާބުގެ ކާމިޔާބީއާ އެކު ޓަމިލް ސްޓޭޓްގެ ޗީފް މިނިސްޓަރުގެ މަގާމަށް ވިޖޭ އައުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިއާ އެކު ވަރަށް ގިނަ ބަޔަކު އަންނަނީ ސިޔާސީ ދާއިރާ އަށް ނުކުމެ، ވިޖޭގެ ޕާޓީން ކުރިމަތިލި ފުރަތަމަ ބޮޑު އިންތިހާބުން ހޯދި ކާމިޔާބީއާ ގުޅިގެން މަރުހަބާ ކިޔަމުންނެވެ.

ހާއްސަކޮށް އިންޑިއާގެ ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު ވިޖޭ އަށް މަރުހަބާ ކިޔައި، އޭނަގެ ސިޔާސީ ކެރިއަރު ވަރަށް ކާމިޔާބު ވާނެ ކަމަށް ބުނެ ހިތްވަރު ދީފައިފައިވެ އެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ގިނަ އަހަރުތަކެއް ވަންދެން ފިލްމީ ދާއިރާގައި މަސައްކަތްކޮށް، ކާމިޔާބު އެތައް ފިލްމެއް ކުޅެ، ޓަމިލް ނާޑޫގެ ރައްޔިތުންގެ ހިތްތަކުން ހާއްސަ ޖާގައެއް ހޯދާފައިވާ ވިޖޭ، 51، ގެ ޕާޓީ، ޓީވީކޭ އަކީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އުފެއްދި ޕާޓީއެއްކަމެވެ. އެ ޕާޓީ ވުޖޫދަށް އައީ ފެބްރުއަރީ 2، 2024 ގަ އެވެ. އޭގެ ފަހުން ޕާޓީގެ ސިޔާސީ ހަރަކާތްތައް ފެށި، ހާއްސަކޮށް ޒުވާނުންގެ ތާއީދާއި މަގުބޫލުކަން ޕާޓީ އަށް ވަރަށް ބޮޑަށް ލިބިފައިވެ އެވެ.

ވިޖޭ ސިޔާސީ ދާއިރާ އަށް ނުކުމެ، ބޮޑު ކާމިޔާބީއެއް ހޯދި އިރު، ދާދި ފަހުން އޭނަގެ އަންހެނުން ސަންގީތާ ވަނީ ވަރިވާން ކޯޓަށް ހުށަހަޅައިފަ އެވެ. އެއީ ކައިވެނިން ބޭރުގައި ލޯބީގެ ގުޅުމެއް ބަތަލާއަކާ އެކު ބާއްވަމުން އައިކަން ފަޅާއެރުމުންނެވެ. އެއީ ދެކުނުގެ މަޝްހޫރު ބަތަލާ ޓްރިޝާ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ވިޖޭ އާއި ޓްރިޝާގެ ގުޅުން ވަރަށް ސީރިއަސް އެވެ. އެހެންވެ އެ ދެ މީހުން ވަރަށް އަވަހަށް ކައިވެނި ކުރުމުގެ ފުރުސަތު ވެސް ބޮޑެވެ. ވިޖޭ އާއި ސަންގީތާ އަށް ދެ ކުދިން ލިބިފައިވެ އެެވެ. އެއީ ސަންޖޭ ޖޭސަން، 25، އާއި ދިވްޔާ، 19، އެވެ.

ވިޖޭގެ ވަދާއީ ފިލްމުގެ ގޮތުގައި ގެނެސްދޭން ހަމަޖެހިފައި ވަނީ ދާދި ފަހުން އޮންލައިންކޮށް ލީކްވި ޕޮލިޓިކަލް އެކްޝަން ތުރިލާ 'ޖާނާ ނަޔަގަން' އެވެ. އޭނަ އެންމެ ފަހުން ފެނިފައި ވަނީ 2024 ގެ ދަ ގްރޭޓެސްޓް އޮފް އޯލް ޓައިމް (ގޯޓް) އިންނެވެ.