އިލެކްޝަން ކޮމިޝަން (އީސީ) ގެ މެންބަރުން މިހާރު މަސައްކަތް ކުރަނީ ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ އެކްޓިވިސްޓުން ގޮތަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
އޭނަ މިހާރު ނިސްބަތްވާ ޕާޓީ، ޕީއެންއެފުން ސަރުކާރާ ދެކޮޅަށް މާލޭގައި ކުރަމުން އަންނަ މުޒާހަރާތައް ގާނޫނާ ޚިލާފުވާ ކަމަށް ބުނެ، އެކަން ތަކުރާރުކުރާ ނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އީސީން ދިނުމާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ޖަމީލު މިއަދު ވިދާޅުވީ މިހާރު ފެންނަނީ މިނިވަން އިލެކްޝަން ކޮމިޝަނެއް ވުޖޫދުގައި ނެތް މަންޒަރު ކަމަށެވެ.
"ފެންނަނީ ޕީއެންސީގެ އެކްޓިވިސްޓުން ގޮތަށް ކަމިޝަން އުޅޭ މަންޒަރު." އޭނަ ވިދާޅުވި އެވެ.
ޖަމީލު ވިދާޅުވީ ގާނޫނުއަސާސީގެ 32 ވަނަ މާއްދާ އިން ކުރިން ހުއްދަ ހޯދުމަކާ ނުލައި މުޒާހަރާ ކުރުމަކީ އަސާސީ ޙަައްގަކަށްވާ އިރު،، އީސީ ވާން ޖެހެނީ އެ އަސާސީ ޙައްގު ފުޅާކުރަން ވަކާލާތުކުރާ، ސިޔާސީ ހުރިހާ ޕާޓީތަކަށް އެއް ހަމައަކުން މުއާމަލާތްކުރާ އަދުލުވެރިކަން އިސްކުރާ ތަނަކަށް ކަމަށެވެ.
އެކަމަކު އީސީން މަސައްކަތް ކުރަނީ ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ މަސްލަހަތަށް ކަމަށް ވިދާޅުވި އެވެ.
ޖަމީލު ވިދާޅުވީ ދާދި ފަހުން އީސީގެ ރައީސް މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވާފައި އިރު އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕަޕެޓުންގެ ގޮތުގައި ޢައްޔަންކުރާ ރައީސާއި ނައިބު ހިމެނޭ ކޮމިޝަނުން ވަކި ބައެއްގެ މަސްލަހަތު އިސްވާ ގޮތަށް ކަންތައް ކުރުމަށް ދެކޮޅު ހައްދަވާތީ އެޅުއްވި ފިޔަވަޅެއް ކަމަށް ބެލެވޭ ކަމަށެވެ.
"ރާއްޖޭގެ ގާނޫނުތަކާއި ސިޔާސީ ޙަރަކާތްތަކަށް ޖާގަ ނުދޭން މުއިއްޒު ކުރާ މަސައްކަތުގައި ތި ކޮމިޝަން މިހާރު ތިޔަ ވެއްޓިގަތީ އެއްވެސް ގަދަރެއް އިޙްތިރާމެއް ނުލިބޭ ހިސާބު ދަށު ދަރަޖައަށްކަން މުޅި ރަައްޔިތުން ފާހަގެކުރޭ،" އޭނަ ވިދާޅުވި އެވެ. "ހަނދާން ކުރަންވީ ރަައްޔިތުންގެ ބާރު އިސްވާނެކަން. މި ވަގުތަކީ މިނިވަން މީޑިއާއަށާއި މިނިވަން ހުރިހާ އަޑެއް ކަނޑުވާލަން ރައީސް މުއިއްޒު ހިފާފައިވާ ވަގުތެއް. ކަމެވެ. އީސީން ޖަހާ ސަކަރާތް ސިޔާސީ ވެރިންނަށް ވިސްނޭނެ."
ޖަމީލު ވިދާޅުވީ ރަައްޔިތުން ވަނީ ރައީސް މުއިއްޒަށް ނޫނެކޭ ބުނެފައި ކަމަށާއި ގައުމުގެ ޙާލަތު ދަށަށްދާ އިރު ރައްޔިތުން އަޑުއުފުލާނެ ކަމަށެވެ.
"އެކަން ގަބޫލް ކުރަން އީސީ ވެސް ރުހުނަސް ނުރުހުނަސް ދަސްކުރައްވަން މަޖްބޫރު." އޭނަ ވިދާޅުވި އެވެ.