ރާއްޖޭގެ މި ހިނގާ ކަންތައްތަކާ ގުޅިގެން، ހޯމް މިނިސްޓަރު އަލީ އިހްސާނުގެ މަސްއޫލިއްޔަތާ މެދު ސުވާކު އުފައްދަން ޖެހޭ ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު ހުސެއިން ޝަރީފް ވިދާޅުވެއްޖެ އެވެ.
ގާނޫނުއަސާސީ އާއި ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ބައެއް ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތައް ހުއްޓުވުން އަވަސް ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ގަރާރުގެ ބަހުސްގައި އޭނަ ވިދާޅުވީ، މިއަދު ގައުމުގެ ހާލަތަށް ބަލާއިރު އެންމެ ބޮޑު އެއް މައްސަލައަކީ ގާނޫނު އަސާސީން ކަަވަރުކޮށް ދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމާއި ދައުލަތެއްގެ ސިފަ ޖެއްސުމަށް ގާނޫނުގައި ތަރުތީބުކޮށްފައިވާ ގާނޫނުތަކާ އެއްގޮތަށް މުއައްސަސާތައް ފަންގްޝަން ނުކުރުން ކަމަށެވެ.
އަދި އެއީ ގަބޫލު ކުރަންޖެހޭ ހަގީގަތެއް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
"ސަބަބު މިއަދު މިއޮތީ ވަރަށް ރަނގަޅަށް ފެންނަން، ދިވެހި ރާއްޖޭގައި ދައުލަތް ހިންގުމުގެ އެންމެ މަތީ ބާރު، ވެރިކަމުގެ ނިޒާމު ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ އިރު، އަމާނާތްތެރި ކަމާއެކު ވެރިކަން ކުރުމަށް ހަވާލު ކުރާ ފަރާތަކީ ވަރަަށް މުހިއްމު ފަރާތެއް، އެއީ ކަރާމަތާއި ރައްކާތެރިކަން ގާނޫނުއަސާސީން ކަށަވަރުކޮށް ދީފައިވާ ފަރާތެއް، އެފަރާތާ ބެހޭ ގޮތުން ޔޯލަ ޔޯލަ ވާހަކައެއްގެ ގޮތުގައި ދެކެވޭ ވާހަކަ އަޅުގަނޑުމެން ޕަބްލިޝް ކޮށްގެން ދައްކާއިރުގައި އަޅުގަނޑުމެންގެ މުއައްސަސާތައް ނިދައިފައި އޮތުމުގެ ސަބަބުން މިހެން ވާން ޖެހެނީ." އޭނަ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޮލުގައި ގަޒުފްގެ ތުހުމަތު އަޅުވައިގެން ވާހަކަ ދައްކާތާ ވެސް އެތައް ދުވަހެއް ވެއްޖެ ކަމަށެވެ.
"މިއީ އެއްވެސް ކަހަލަ ޝަރުއީ ހުއްޖަތެއް، މިސާލަކަށް ޝަރޫހީ ހުއްޖަތަކީ އޭގެ ހެތްކާއި ގަރީނާ އާއި އޭގެ މައްޗަށް އެ ވާގިއާއަކަށް ބާރު ލިބިދޭ އަސާސްތަކެއް އޮންނަން ޖެހޭނެ ހެއްކެއް ނެތި ދެކެވުނު ވާހަކަތަކަށް ހަމަ ބޭނުން ގޮތަކަށް، އޭނަ ވިދާޅުވި އެވެ. ބޭނުން ތަރުތީބެއް ކޮށްލައިގެން ވީޑިއޯތައް ހެދުމާއި ފާޑު ފާޑުގެ ވާހަކަ ދެއްކުމާއި ދޭދޭ މީހުން ޔޯލަ ޔޯލަ ވާހަކަ ދައްކަމުން ދިޔައިރުގައި އަޅުގަނޑުމެންގެ މުއައްސަސާތައް ކޮބައިތޯ، އަޅުގަނޑު މިއަދު މި މަޖިލީހުގައި ދިވެހި ރާއްޖޭގެ ދާހިލީ ވަޒީރުގެ މަސްއޫލިއްޔަތާ ދޭތެރޭ ސުވާލު އުފައްދަން ޖެހޭ ސަބަބެއްމީ. އަޅުގަނޑުމެންގެ ސަރުކާރަށް ނިސްބަތް ވިޔަސް މި ސަަބަބު އުފައްދަން ޖެހޭ."
ރައީސްގެ މައްޗަށް މީޑިއާއަކުން ގަޒްފްގެ ތުހުމަތުކޮށް ނެރުނު ޑޮކިއުމަންޓަރީއަކާ ގުޅިގެން ފުލުހުން މިހާރު ޖިނާއީ ތަހުގީގެއް ކުރަމުން އަންނަ އިރު، އިހްސާން ވަނީ އެ މައްސަލަ ފުރިހަމަ އަށް ބަލާނެ ކަމަށް ވިދާޅުވެފަ އެވެ.