Last Updated: June 18, 03:15
Wednesday, June 17, 2026
ޚަބަރު

“މައުމޫން ފޮންޓް” އެކަޑެމީ އަށް ހަދިޔާކޮށްފި

މައުމޫން ފައުންޑޭޝަންގެ ފަރާތުން ދިވެހިބަހުގެ އެކެޑަމީ އަށް “މައުމޫން ފޮންޓް” ހަދިޔާކޮށްފި އެވެ.

އެ ފޮންޓް އެކެޑަމީއަށް ހަދިޔާކުރީ މިއަދު އެކެޑަމީގައި ބޭއްވި ބައްދަލުވުމެއްގައެވެ.

މައުމޫން ފައުންޑޭޝަންގެ ފަރާތުން ފޮންޓު ހަދިޔާކޮށް ދެއްވީ އެ ފައުންޑޭޝަންގެ ވައިސް ޗެއާމަން އަދި މައުމޫންގެ ދޮށީ ފިރިހެން ދަރިކަލުން އަޙްމަދު ފާރިސް މައުމޫނެވެ. އެކެޑަމީގެ ފަރާތުން ފޮންޓާ ހަވާލުވެވަޑައިގަތީ އެކެޑަމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދެވެ.

މައުމޫން ފޮންޓަކީ އެކެޑަމީގެ ތަފާތު ލިޔުންތަކާއި އަދަބީ ތަފާތު ހަރަކާތްތަކުގައި ބޭނުންކުރުމަށް ހަދިޔާކުރި ފޮންޓެކެވެ.
މި ފޮންޓަކީ ފަރުދުންގެ އަމިއްލަ ބޭނުމަށް ވެސް ބޭނުންކުރުމުގެ ހުއްދަ އޮތް ފޮންޓެކެވެ.

އެހެން ނަމަވެސް ކުންފުނިތަކާއި މުއައްސަސާތަކުންނާއި، ވިޔަފަރި ބޭނުމަށް ބޭނުންކުރާ ފަރާތްތަކުން މި ފޮންޓު ގަންނަން ޖެހޭނެ އެވެ.

މައުމޫން ފައުންޑޭޝަނުން ބުނީ ފޮންޓް އެކަޑެމީ އަށް ހަދިޔާކުރީ ފުޅާ ދާއިރާއެއްގައި އެ ފޮންޓުގެ ބޭނުން ކުރެވޭނެތީ ކަމަށެވެ.

މައުމޫން ފޮންޓަކީ ކުރީގެ ރައީސް މައުމޫންގެ އަތްޕުޅުގެ ލިޔުއްވުން ރައްކާތެރިކޮށް ދެމެހެއްޓެވުމަށާއި ދިވެހި ލިޔުމުގެ ފަންނަށް އާ ފޮންޓެއް ތާރަފުކުރެއްވުމަ ޓަކައި، މައުމޫން ފައުންޑޭޝަނާއި އެންކްރިއާ ސްޓޫޑިއޯގެ އިންހައުސް ޓައިޕް ފައުންޑަރީ ދިވެހި ޓައިޕް ގުޅިގެން، މިދިޔަ އަހަރުގެ ބައިނަލްއަގުވާމީ މާދަރީބަހުގެ ދުވަހު ތައާރަފުކުރި ފޮންޓެކެވެ.

އަކުރު ޓައިޕް މާކެޓްޕްލޭސް ވެބްސައިޓުން އެ ފޮންޓު ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.