Last Updated: June 27, 13:13
Saturday, June 27, 2026
ޚަބަރު

ދެ ހަފްތާ ތެރޭ ކުޅުދުއްފުށިން ޑެންގީގެ 62 ކޭސް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު: ފޮޓޯ: ކުޅުދުއްފުށި އޮންލައިން

މިދިޔަ ދެ ހަފްތާ ތެރޭގައި ޑެންގީހުމަށް ހދ. ކުޅުދުއްފުށިން 62 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދަށްވުރެ ބޮޑަށް އަތޮޅުތެރޭގައި ޑެންގީ ފެތުރޭ މިންވަރު އިތުރުކަން ތަފާސްހިސާބުތަކުން ހާމަވާ ކަމަށެވެ. އެގޮތުން، މިއަހަރު ރިޕޯޓުކުރި 2459 ކޭސްގެ ތެރެއިން 2049 ކޭސް ރިޕޯޓުކޮށްފައިވަނީ އަތޮޅުތެރެއިންނެވެ. މާލެ ސަރަހައްދުން ރިޕޯޓުކޮށްފައިވަނީ 410 ކޭސް އެވެ.

ފާއިތުވި ދެ ހަފްތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ޑެންގީ ކޭސް ރިޕޯޓުކޮށްފައިވަ ނީ ހދ. އަތޮޅުންނެވެ. އެ އަތޮޅުން 83 ކޭސް ރިޕޯޓުކޮށްފައިވާއިރު، ގދ. އަތޮޅުން 35 ކޭސް، ކ. އަތޮޅުން 29 ކޭސް، ށ. އަތޮޅުން 20 ކޭސް އަދި ރ. އަތޮޅުން 19 ކޭސް ރިޕޯޓުކޮށްފައި ވެއެވެ. މީގެ އިތުރުން މ. އަތޮޅާއި އދ. އަތޮޅުންވެސް ގިނަ އަދަދަކަށް ކޭސްތައް ވަނީ ފެނިފައެވެ.

ވަކިވަކި ރަށްރަށަށް ބަލާއިރު، އެންމެ ގިނަ ކޭސް ފެނިފައިވަނީ އާބާދީ ބޮޑެތި ރަށްރަށުންނެވެ. ފާއިތުވި ދެ ހަފްތާގެ ތެރޭގައި އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވަނީ ހދ. ކުޅުދުއްފުށިންނެވެ. އެ ރަށުން އެކަނިވެސް 62 ކޭސް ރިޕޯޓުކޮށްފައި ވެއެވެ. ދެވަނައަށް އެންމެ ގިނަ ކޭސް ފެނިފައި ވަނީ ށ. މިލަންދޫންނެވެ. އެ ރަށުން 17 ކޭސް ރިޕޯޓުކޮށްފައިވާ އިރު، ގދ. ތިނަދޫން 16 ކޭސް، މާލެއިން 15 ކޭސް އަދި އދ. މާމިގިލިން 13 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން ހދ. ފިނޭ، މ. މަޑުއްވަރީ، ކ. މާފުށި، ކ. ތުލުސްދޫ އަދި ގދ. ގައްދޫއަކީވެސް މި ދުވަސްވަރު ޑެންގީގެ ކޭސްތައް ގިނައިން ފެންނަމުންދާ ރަށްރަށެވެ.

ޑެންގީ ހުމާއި މަދިރީގެ ޒަރީއާއިން ފެތުރޭ އެހެނިހެން ބަލިތައް އިތުރުވަމުންދާތީ، އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.