މިފްކޯގެ އުފެއްދުންތައް ސްރީ ލަންކާގައި ތަޢާރަފުކޮށްފި އެވެ.
މި އުފެއްދުންތައް ތައާރަފްކުރުމަށްޓަކާ ސްރީލަންކާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ މަހުގެ އުފެއްދުންތައް ލަންކާއަށް ތަޢާރަފުކޮށްދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.
މި ރަސްމިއްޔާތުގައި މިފްކޯގެ އުފެއްދުންތައް ދައްކާލުމުގެ އިތުރުން، އެ އުފެއްދުންތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ދިވެހި ސަގާފީ 'މާލަފަތެއް' ވަނީ ދައްކާލާފަ އެވެ.
މި ރަސްމިއްޔާތުގައި ސްރީލަންކާގެ މިނިސްޓަރ އޮފް ޓްރޭޑް، ކޮމާސް، ފުޑް ސެކިއުރިޓީ އެންޑް ކޯޕަރޭޓިވް ޑިވެލޮޕްމަންޓް، ވަސަންތަ ސަމަރަސިންހަ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް އިސްތިރާޖީ ވިޔަފާރީގެ ގުޅުން ހަރުދަނާކުރުމުގައި މިފަދަ މަސައްކަތްތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.
މިފްކޯއިން ސްރީލަންކާގައި އިފްތިތާޙްކޮށްފައިވާ ތަކެތީގެ ތެރޭގައި އެ ކުންފުނީގެ ފަސްމީރު ބްރޭންޑްގެ ވަޅޯމަހާއި އެކި ބާވަތްތަކުގެ މަސްދަޅުގެ އިތުރުން ރިހާކުރާއި ޕެކްޓްގައި ބަންދުކޮށްފައި ހުންނަ މުގުރި މަސް ހިމެނެ އެވެ.