Last Updated: June 30, 10:28
Tuesday, June 30, 2026
ޚަބަރު

މިސްރާބު ހުރީ ފުރިހަމަ ތަރައްގީ ގައުމަކަށްވާން

ރާއްޖޭގެ މިސްރާބު ހުރީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ވުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސްރީލަންކާގައި ފެށި ބިޒަނަސް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖެ އޮތީ ތަރައްގީގެ ދަތުރުގައި ނުހަނު މުހިންމު، ތާރީޚީ ދަނޑިވަޅެއްގައި ކަމަށާއި ރާއްޖެއަކީ ކުރިއަރަމުން އަންނަ، ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލުކަން ލިބިފައިވާ، އަދި ތަރައްގީއާއި ތަނަވަސްކަމުގެ އުންމީދީ ކުރިމަގަކަށް އަމާޒު ހިފާފައިވާ ގައުމެއް ކަމަށެވެ. އެގޮތުން "ވިޝަން 2040" ގެ ނަމުގައި އެކުލަވާލާފައިވާ ގައުމީ ތަރައްގީގެ މާސްޓާ ޕްލޭންގެ ދަށުން، ރާއްޖެ މިސްރާބު ޖަހަނީ ފުރިހަމައަށް ތަރައްގީވެފައިވާ، އެންމެންގެ ބައިވެރިވުން ހިމެނޭ، އަދި ދެމެހެއްޓެނިވި ގައުމަކަށް ވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

މި ތަސައްވުރަކީ ހަމައެކަނި ދުރުގައިވާ ހުވަފެނެއް ނޫން ކަމަށާއި މި ތަސައްވުރު ބިނާވެފައިވަނީ ތަރައްގީއަކީ ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދޭ، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފާ، އަދި ތިމާވެއްޓަށް ޒިންމާދާރު ތަރައްގީއަކަށް ވާންޖެހޭނެ ކަމުގެ މައްޗަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އެޖެންޑާގެ އެންމެ މުހިންމު އެއް އަސާސަކީ އަމިއްލަ ދާއިރާ އިސްވެ އޮވެ އިގްތިސާދު ކުރިއެރުވުމެވެ. ވިޔަފާރިތަކަށް މަގުފަހިކޮށްދިނުމަށާއި، އިންވެސްޓްމަންޓްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ހަރުދަނާ އިސްލާހީ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން، ވޭތުވެދިޔަ 40 އަހަރު އަމަލުކުރަމުން އައި ބޯދާ އުސޫލުތަކުގެ ބަދަލުގައި، ޒަމާނީ "ބޭރުގެ އިންވެސްޓްމަންޓްތަކާ ބެހޭ ގާނޫނު" ތައާރަފުކޮށް، ބޭރުގެ އިންވެސްޓަރުންނަށް ސާފު، އިތުބާރު ހުރި އަދި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރެވޭނެ މަގު ތަނަވަސްކޮށްދީފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ، އާ އުސްމިންތަކަކަށް ވާސިލުކޮށްދީ، މިއަށްވުރެ ފުޅާ އަދި އުޖާލާ ކުރިމަގަކަށް މަގުފަހިކުރުމަށްޓަކައި އެޅުނު ތާރީޚީ ފިޔަވަޅެއްކަން ރައީސް ފާހަގަކުރެއްވި އެވެ. ޤަވާއިދުތަކާއި އުސޫލުތައް ލުއިފަސޭހަކޮށް، ދައުލަތުގެ މުއައްސަސާތައް ހަރުދަނާކުރުމާއެކު، ބިނާކުރަނީ ހުޅުވާލެވިފައިވާ، ހަލުވިކަމާއެކު ކުރިއަރާ، އަދި ދުނިޔޭގެ ބާޒާރުގައި ވާދަކުރެވޭ ފަދަ އިޤްތިޞާދެއް ކަމަށްވެސް ވިދާޅުވި އެވެ.

"މިއީ އިންވެސްޓަރުންގެ އިތުބާރު ލިބިފައިވާ އަދި އައު އީޖާދުތަކަށް ފުރުޞަތު އޮތް އިޤްތިޞާދެކެވެ. އަދި މި އިޞްލާޙީ ބަދަލުތަކުގެ ފޮނި ނަތީޖާ މިހާރު ވެސް ދަނީ ފެންނަމުންނެވެ،" ރައީސް ވިދާޅުވި އެވެ.

މިއީ ރާއްޖޭގެ ދުނިޔެ މަޝްހޫރު ފަތުރުވެރިކަމުގެ ދާއިރާ، އާ އުސްމިންތަކަކަށް ވާސިލުކޮށްދީ، މިއަށްވުރެ ފުޅާ އަދި އުޖާލާ ކުރިމަގަކަށް މަގުފަހިކުރުމަށްޓަކައި އެޅުނު ތާރީޚީ ފިޔަވަޅެކެވެ. ޤަވާއިދުތަކާއި އުސޫލުތައް ލުއިފަސޭހަކޮށް، ދައުލަތުގެ މުއައްސަސާތައް ހަރުދަނާކުރުމާއެކު، އަޅުގަނޑުމެން މި ބިނާކުރަނީ ހުޅުވާލެވިފައިވާ، ހަލުވިކަމާއެކު ކުރިއަރާ، އަދި ދުނިޔޭގެ ބާޒާރުގައި ވާދަކުރެވޭ ފަދަ އިޤްތިޞާދެކެވެ. މިއީ އިންވެސްޓަރުންގެ އިތުބާރު ލިބިފައިވާ އަދި އައު އީޖާދުތަކަށް ފުރުޞަތު އޮތް އިޤްތިޞާދެކެވެ. އަދި މި އިޞްލާޙީ ބަދަލުތަކުގެ ފޮނި ނަތީޖާ މިހާރު ވެސް ދަނީ ފެންނަމުންނެވެ.

މިދިޔަ އަހަރު ގޫގުލް އިން އިޢުލާނުކުރި "ދިވަރު" އިންވެސްޓްމަންޓަކީ، ރާއްޖޭގެ ތާރީޚުގައި ވެސް މިފަދަ ފުރަތަމަ އިންވެސްޓްމަންޓް ކަމަށާއި މިއީ ބައިނަލްއަޤްވާމީ ބޮޑެތި ކުންފުނިތަކުން ރާއްޖެއަށް ކުރާ އިތުބާރު ހާމަކޮށްދޭ ސާފު ހެއްކެއް ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ ސަބަބުން އިންޑިއާ ކަނޑުގެ ކުރިއަރަމުން އަންނަ ޑިޖިޓަލް މަރުކަޒެއްގެ ގޮތުގައި ރާއްޖެ ފާހަގަވެ، މުވާޞަލާތީ ގުޅުންތައް ވަރުގަދަވެގެންދާނެ ކަމަށާއި މިއީ ރާއްޖެއަކީ ހަމައެކަނި ވިޔަފާރިއަށް ހުޅުވާލެވިފައިވާ ތަނެއް ނޫން ކަމާއި، ޓެކްނޮލޮޖީގެ އެހީގައި ޤައުމުގެ ކުރިއެރުން ބައްޓަންކުރުމުގައި ރާއްޖެއިން އިސްދައުރެއް އަދާކުރާކަން ބައިނަލްއަޤްވާމީ އިންވެސްޓަރުންނަށް ދައްކުވައިދޭ ކަމެއްކަން ވެސް ފާހަގަކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، އިމާރާތްކުރުމުގެ ދާއިރާގެ އިތުރުން ޚިދުމަތްދޭ އެކި ދާއިރާތަކުގައި ލަންކާގެ ވިޔަފާރިތަކުން މިހާރުވެސް ވަރަށް މުހިންމު ދައުރެއް އަދާކުރަމުންދާކަން ފާހަގަކުރައްވާފަ އެވެ.

އެގޮތުން ރާއްޖޭގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގައްޔާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ނަމޫނާތައް ކުރިއެރުވުމުގައި ބައިވެރިވުމަށާއި، ޑިޖިޓަލް އީޖާދުތަކާއި ކާނާގެ ރައްކާތެރިކަން ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ލަންކާގެ ވިޔަފާރިތަކަށް ގޮވާލާފަ އެވެ. ހަމައެފަދައިން، ލަންކާގައި ދިވެހި ވިޔަފާރިތަކަށް ވެސް މިހާރަށްވުރެ ބޮޑަށް ފުރުޞަތުތައް ހުޅުވިގެންދިޔުމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.