ކުރީގެ ސަރުކާރުގެ ދުވަސްވަރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލާ "އިންޑިއާ އައުޓް"ގެ ނަމުގައި މާލޭގައި މުޒާހަރާތައް ހިންގީ ޕީޕީއެމުން ކަމަށާއި އެއީ ޕީއެންސީން ކުރި ކަމެއް ނޫން ކަމަށް ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ (އައިބީ) މިއަދު ވިދާޅުވެއްޖެ އެވެ.
ސިޔާސީ ޕާޓީތަކުން ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ހަރަކާތްތައް ހިންގާ ކަަމަށް ތުހުމަތުކޮށް، އެފަދަ ހަރަކާތްތައް ހުއްޓުވަން ގޮވާލައި، ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން އައިބީ ވިދާޅުވީ މާލޭގެ މަޖީދީމަގުގައި "އިންޑިއާ އައުޓް"ގެ ނަމުގައި މުޒާހަރާތައް ހިންގީ ޕީއެންސީން ނޫން ކަމަށާއި އެއީ ޕީޕީއެމުން ކުރި ކަމެއް ކަމަށެވެ.
"އެއީ އޭރުގައި ޕީޕީއެމުން ކުރީ. ޕީޕީއެމްގެ ލީޑާޝިޕަކީ އެއީ މުޅިން އެހެން ލީޑާޝިޕެއް. އެ ލީޑާޝިޕުން މިއަދު ވެސް މުޒާހަރާކުރަނީ މާލޭ މަގުމަތީގައި،" އައިބީ ވިދާޅުވި އެވެ.
އައިބީ ވިދާޅުވީ އެއީ ޕީއެންސީގެ ލީޑާޝިޕުން ކުރި މުޒާހަރާއެއް ނޫން ކަމަށާއި ޕީޕީއެމްގެ ލީޑާޝިޕަކީ އޭރު ވެސް އަދި މިހާރުވެސް މަގުމަތީ މުޒާހަރާކުރާ ލީޑަރުން ކަމަށެވެ.
"މިއީ މުޅިން އާ ޕާޓީއެއް، އާ ލީޑާޝިޕެއް، އާ ފިކުރެއް،" އައިބީ ވިދާޅުވި އެވެ.
ޕީއެންސީގެ ފިކުރުން ވިޔާނުދާ ކަންކަން ކޮށްފައި ނޯންނާނެ ކަމަށާއި ޕީއެންސީގެ ފިކުރަކީ އިސްލާހަށް މަސައްކަތް ކުރާ ފިކުރެއް ކަމަށްވެސް އައިބީ ވިދާޅުވި އެވެ.