ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މުހައްމަދު ލަމްއާން ހަމަޖައްސައިފި އެވެ.
ޕީއެންސީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ލަމްއާން ހަމަޖައްސާފައިވާކަން އެ ޕާޓީން މިއަދު ވަނީ ހާމަކޮށްފަ އެވެ.
ލަމްއާން މިހާރު ހުންނެވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކެޓިވް މެންބަރު އަދި ޑެޕިއުޓީ ސީއީއޯގެ މަގާމުގަ އެވެ. އޭގެ ކުރިން ލަމްއާން ހުންނެވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބަށްފަހު ޕީއެންސީގެ އެތެރޭގެ ބައެއް މަގާމުތަކަށްވެސް އަންނަނީ ބަދަލުގެންނަމުންނެވެ. އެގޮތުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި މުއާޒް ހަލީމް ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މިހާރު ހުންނެވީ ސިޓީސް އެންޑް ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި މީގެކުރިން ހުންނެވި މޫސާ ފަތުހީ އާދަމް އެވެ.